ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މައިޒާން އަލީ މަނިކު (މައިޒާން އަލިބެ) އަށް ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިއަދު ސަރުކާރުން ދީފި އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރެއްވި އަލިބެ އަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ، މިއަދު ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން އުފެއްދުމަށް 1983 ގައި އިސްނެންގެވި ބޭފުޅުންގެ ތެރޭގައި އަލިބެ ވެސް ހިމެނިވަޑައިގެންނެވި އެވެ. އަދި 1986 ގައި އެސޯސިއޭޝަން އުފައްދައި އެ އިދާރާގެ ނައިބު ރައީސެއްގެ ގޮތުގައި ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުވުމަށް މައިޒާން އަލިބެ މަސައްކަތް ފެއްޓެވި އެވެ. ޖެހިގެން އައި އަހަރު އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި އެވެ.
އެތުލެޓިކްސްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ކުޅިވަރުން ބައިނަލްއަގްވާމީ މެޑަލްތައް ރާއްޖެ އަށް ލިބުމުގައި އެންމެ ފުރަތަމަ ޕްލޭނެއްގެ ދަށުން މަސައްކަތް ފެއްޓެވީ އަލިބެ އެވެ. ހަމައެކަނި ގައުމީ ރެކޯޑެއް ހަދައިގެން އެތުލެޓިކްސް އަށް ފަރުޖައްސާލައިގެން ނުތިބެވޭނެ ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ ގޭމްސްތަކުގައި މެޑަލް ހޯދުމުގެ ވިސްނުން އެތުލީޓުންގެ ބޮލަށް ވެއްދެވުމުގައި އެންމެ ފުރަތަމަ މެޑަލްތަކުގެ ވާހަކަ ދައްކަވަން ފެއްޓެވި ބޭފުޅަކީ އަލިބެ ކަމަށް ވެސް އެތުލެޓިކްސްގެ ތަޖުރިބާކާރުން ބުނެ އެވެ.
އަލިބެގެ ޗެއާމަންކަމުގައި 2007 ވަނަ އަހަރު ރާއްޖޭގެ ރިލޭ ޓީމުން ވަނީ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުން މެޑަލް ހޯދައިފަ އެވެ. އެއީ ބައިނަލްއަގްވާމީ މުބާރާތެއްގައި އެތުލެޓިކްސްއިން ރާއްޖޭން ހޯދި ފުރަތަމަ މެޑައްޔެވެ.
ބަންގްލަދޭޝްގައި 2010 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދީ ވެސް އަލިބެގެ ޗެއާމަންކަމުގެ ދަށުނެނެވެ. އެއީ އިންޑަވިޖުއަލް ކުޅިވަރަކުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ހޯދި ފުރަތަމަ މެޑަލް އެވެ.
އެތުލެޓިކްސް އަށް އަލިބެ ދިގުމުއްދަތަކަށް ކޮށްދެއްވި ހިދުމަތް އަގުވަޒންކުރުމުގެ ގޮތުން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަނުން ވަނީ އަލިބެ ހިދުމަތުގެ އަގުވަޒަންކޮށް 2017 ގައި އަލިބެ އެވޯޑެއް ދީފަ އެވެ.