ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތަކާއި ހެވިކަމުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި މިރޭ ބާއްވައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ. އަދި މިނިސްޓަރުންނާއި ދައުލަތު އެހެން އިސްވެރިންނާއި ޑިޕްލޮމެޓުން ވެސް ބައިވެރިވެވަޑައިގަތެވެ.
ކުޅިވަރުތައް ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން ވެސް ގަލޮޅު ދަނޑަށް ގޮސް ތިއްބެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި، މި ހަރަކާތްތަކުގައި 1،000 ވުރެ ގިނަ ބައިވެރިން ހިމެނެ އެވެ.
ރަސްމިއްޔާތު ފެށުމުގެ ގޮތުން އޮތީ ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓް ކުދިންގެ ފަރާތުން ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުމެވެ. އޭގެ ފަހުން ސިފައިންނާއި ސްކޫލްތަކުގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. އަދި ސިފައިންގެ ލަޝްކަރީންނާ އެކު ސްކޫލްތަކުގެ ކެޑޭޓުން ހިމެނޭ ހެވިކަމުގެ ޝަރަފުގެ ހިނގާލުން ވެސް އޮތެވެ.
މާލޭގެ 14 ސްކޫލްތަކުން ހަތަރު އައިޓަމެއް މިރޭ ހުށަހެޅި އެވެ. އޭގެ ތެރޭގައި ގިނައީ ތަފާތު ލަވަތަކަށް ހުށަހަޅައިދިން ނެށުންތަކެވެ.
ރަށްރަށުން ވެސް ތިން އައިޓަމެއް ހުށަހެޅި އެވެ. އެއީ ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި މ. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން ހުށަހެޅި ސަގާފީ ހަރަކާތްތަކެވެ.
ރަސްމިއްޔާތު ނިންމާލީ އެމްއެންޑީއެފުން ހުށަހަޅައިދިން މިއުޒިކަލްއަކުންނެވެ. އެ މިއުޒިކަލް ތައްޔާރުކޮށްފައި ވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވި ގޮތުގެ މައްޗަށެވެ. އަދި އެ މިއުޒިކަލް ނިންމަައި ހަވާ އެރުވި އެވެ.
މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ޕެރޭޑާއި ރޭގަނޑު ފުޅަނދުބުރު ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އަދި ހުކުރު ދުވަހުން ފެށިގެން އަންނަ މަހު ހަތަރެއްގެ ނިޔަލަށް ހުޅުމާލޭގައި ކާނިވަލެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. އެ ކާނިވާ ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހަވާ އަރުވާނެ އެވެ.