މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ވަރަށް ފަސޭހައިން ހަލުވިކަމާ އެކު ފެތުރޭ ނޯރޯވައިރަސްގެ ރޯގާއެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނޯރޯވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ހޮޑު ލެވުމާއި ހުން އައުމާއި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންކަމެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔަ އެވެ.
އެޗްޕީއޭއިން ބުނީ މިއީ ހަލުވިކަމާ އެކު ފެތުރޭ ވައިރަސްއެއްކަމަށާއި، ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށެވެ.
ނޯރޯވައިރަސް ހަށިގަނޑަށް ވަންނަތާ 12 ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
ހަށިގަނޑުގައި އެ ބަލި ހުންނަ މުއްދަތު ކުރު ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެގޮތުން އާންމު ގޮތެއްގައި ހަށިގަނޑުގައި މި ވައިރަސް ހުންނާނީ ގާތްގަނޑަކަށް 24 ގަޑިއިރާ 60 ގަޑިއިރާ ދެމެދުގެ މުއްދަތެއްގަ އެވެ.
މިދިޔަ ދެތިން ދުވަހު މި ބަލީގައި ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ހޮސްޕިޓަލްތަކުން ބުނެ އެވެ. ގިނައިން މި ބަލީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ ކުޑަކުދިންނަށެވެ.
ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް
- މީހުން ގިނަ ތަންތަނަށް ނުދިއުން
- ގިނަ ގިނައިން އަތް ދޮވުން
- ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން
- ހޭންޑް ސެނިޓައިޒާ ބޭނުންކުރުން
- ސައިބޯނިލައިގެން އަތްދޮވުން