މި ސަރުކާރުން ފުވައްމުލަކުގައި އިމާރާތްކުރަން އިއުލާންކުރި 400 ފްލެޓްގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މަޝްރޫއު ހަވާލުކުރީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ޕްލެކްސްއިންކްގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ.
މަޝްރޫއުގެ ތަފުސީލު
• ދައުލަތުގެ ބަޖެޓުން 469.8 މިލިއަން ރުފިޔާ ހަރަދު ކުރާނެ.
• މަސައްކަތް ނިންމަން ދިނީ ދޮޅު އަހަރު ދުވަސް.
• ކޮންމެ ފްލެޓެއްގައި 1،000 އަކަފޫޓް ހުންނާނެ.
• ފްލެޓްތަކުގައި ހުންނާނީ ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ގުދަނެއް.
• ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް ބޭނުމަށާއި މެއިންޓަނަންސް އޮފީހެއް ހެދުމަށް.
• ސައިކަލު ޕާކިން ޖާގަ ހަދާނެ.
މި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ފުވައްމުލަކުގައި 200 ފްލެޓް އިމާރާތް ކުރުމަށެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ މާޗު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އިތުރު 200 ފްލެޓާ އެކު، ޖުމްލަ 400 ފްލެޓް އިމާރާތް ކުރަން ނިންމާފައިވާ ކަން އިއުލާންކުރައްވައިފަ އެވެ.