ދެ ވަނަ ދައުރެއްގެ ވެރިކަން އެމްޑީޕީއަށް ލިބިއްޖެ ނަމަ ސުކޫލުތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދޭން އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ފުރަތަމަ ބައި، "އުފާވެރި ދިރިއުޅުން" ރޭ އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ތައުލީމާއި ސިއްހަތާއި އަންހެނުން އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮށްދޭނެ ސިޔާސަތުތަކެވެ.

"މާދަމާގެ މީހާ މިއަދު" ގެ ނަމުގައި އާންމުކުރި ތައުލީމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން ފަހިކޮށްދިނުން ހިމަނައިފަ އެވެ.

މި ކަމުގެ އިތުރު ތަފްސީލް ދެއްވަމުން މެނިފެސްޓޯ ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވި ޑރ. އައިޝަތު ޝަފީނާ "މިހާރު" އަށް ވިދާޅުވީ މެނިފެސްޓޯގައި މިކަން ހިމަނަން ނިންމި ސަބަބުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކުދިން ތައުލީމު ހާސިލް ކުރަން ދާއިރު ވެސް އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިފައި އޮތުމަކީ ހަޔާތުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

އަދި، ދީން ދިރާސާ ކުރެވޭނެ ގިނަ ފޮތްތައް ވެސް ހުރީ އިނގިރޭސި ބަހުން ކަމަށް ވާތީ އެކަމަށް އެހީއަކަށް ވެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ދީނީ ހަރުދަނާ ބިންގާއެއް އަޅައިދިނުމަށްޓަކައި ދިރާސާ ކުރެވޭނެ ގިނަ ލިޔުންތައް އިނގިރޭސި ބަހުން ހުންނާތީ އެއީ ކުދިންނަށް ލިބޭނެ ލުއި ފަސޭހަ ކަމަކަށް ވާނެ،" ޝަފީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ވެސް "އިންގްލިޝް އޭޒް އަ ފަސްޓް ލޭންގުއޭޖު" ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށާއި އެ ކުދިންނަށް ދިވެހި ބަހެކޭ އެއް ވަރަށް އިނގިރޭސި ބަސް ވެސް އެނގޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ދިވެހި ބަހެކޭ އެއްގޮތަށް އިނގިރޭސި ބަހުން އިސްލާމް ދީން ކިޔަވަން މަގުފަހުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން،" ޝަފީނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތައުލީމީ ސިޔާސަތުގައި ވަނީ ކުދިންނާ ރަހްމަތްތެރިކޮށް އިސްލާމް މާއްދާގައި ކިޔަވައިދޭ ބައިތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ އުކުޅުތައް މުރާޖާކޮށް، ޓީޗަރުންގެ ތަމްރީނުގައި މިބައިތައް ކިޔަވައިދިނުމަށް ވެސް ހިމަނައިފަ އެވެ.