ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
18 އޯގަސްޓް 2023 - 23:22
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެޑައިގެންފި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުން ހައްޖަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން މިހާރު ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެ ކުންފުނި ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ފޯރުންތެރިކަން ދަށް މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ހައްޖު ފަންޑު އިންވެސްޓްކޮށްގެން ނަފާ ހޯދައި އެއީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން ޖެހޭ. ހައްޖަށް ގެންދިއުމުގެ އަގުތައް ވެސް ކުޑަކުރެވޭނީ އޭރުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޒަކާތު ފަންޑަކީ ވެސް އާންމުންނަށް އޭގެ ފައިދާކުރާ އެއްޗަކަށް ބަދަލުކުރުމުގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރު ލިބޭ އޮފީހެއް ވެސް އުފައްދަވާނެ ކަމަށެވެ. އޭރުން އެ ފަންޑުން އެކި ދާއިރާތަކަށް އިންވެސްޓްކޮށް، ފައިދާ އިތުރުވެ، ޒަކާތު ފަންޑަށް ލިބޭ ފައިސާ ވެސް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވެސް މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ކުރަން ޕްލޭންކޮށްފައިވާ ވަރަށް ގިނަ ކަންކަން އާންމުންނާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
• ޗައިނާގެ ޓޫރިސްޓުން އިތުރުކުރުމަށް މޯލްޑިވިއަން އެއާލައިންގެ ފްލީޓަށް އެކަމަށް ހާއްސަ މަތިންދާބޯޓެއް ހަމަޖެއްސުން.
• ބޮޑު ކަންނެލީގެ ކިލޯއެއްގެ އަގު 80ރ. ގައި ކޮންޓްރޯލްކުރުން.
• މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލްގެ އަގު ކުޑަކޮށްދިނުން.
• މިފްކޯގެ ހިއްސާ މަސްވެރިންނަށް ވިއްކުން.
• މުލި-ނާލާފުށި ގުޅާލާ އެއް ކިލޯމީޓަރުގެ ކޯޒްވޭ ހެދުން.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ވަކިވަކި ރަށްރަށަށް ވެސް މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
20 August 2023
މާތް ﷲ އެވަނީ ޙައްޖު ވާޖިބުވާ ޝަރުޠުތައް ކަނޑައަޅުއްވާފަ.
ޥަދީފު
19 August 2023
ހައްޖު ވާޖިބުވަނީ ކެރިކުޅަދާނަ މީހުންނަށް. ތިކަންދެން ރިޝްވަތަށް ބަދަލުވީ.
އަހުމަދު
19 August 2023
އިސްލާމްދީނުގައި އޮންނަނީ މާލީގޮތުން އެކަމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ހައްޖުވާން. ރަސޫލުޒަމާނުގައިވެސް އަދި ޚަލީފާއިންގެ ޒަމާނުގައިވެސް ބައިތުލްމާލުން ސްޕޮންސާކޮއްގެން މީހުން ހައްޖަށްފޮނުވާ ނޫޅޭ. އޮންނަނީ ޒަކާތުގެ ފައިސާ ފަގީރުންނަށް ބެހުން. ދީނުގައި އޮންނަގޮތަށް ޒަކާތުގެ ފައިސާ ހައްގުވެރިންނަށް ފޯރުކޮއްދިނިއްޔާ މާ ރަނގަޅުވާނެ. އޭރުން ދެން އެމީހުން ޒަރޫރީބޭނުންތައް ކޮއްފަ ހައްޖައްދާވަރަށް ހުރިއްޔާ ދާންބޭނުން މީހަކު ދާނެ.
އެމީހާ×
19 August 2023
މިގައުމުގެ އެންމެ ނިކަމެތި މީހަކި ރޮޒޭނާ، އޭނާ މިއަށް ވެސް ޝަރުތު ހަމަވާނެ.
ޡާނިޝް
19 August 2023
މުއިޒް އަކީ ވަރަށް އޯގާތެރި ބޭފުޅެއް. މާޝާﷲ
ނޫރުއްސަލާމް
19 August 2023
ދީން ކުރިއަރުވަސް މިފަހަރު މުއިޒް.
އަހްމަދު މުނީރު
19 August 2023
ޑރ. މުއިޒް އަކީ ނަމޫނާ ވެރިޔަކަށް ވާނެ. ދީނީ ކަންކަމަށް އިސްކަން ދޭ ވެރިޔަކަށް ވާނެ.
ހާސަރު
19 August 2023
ހައްޖު ފަދަދީނީ އަޅުކަމެއް ސިޔާސީ ބޭނުމަށް ބޭނުންކުރަން ހެޔޮނުވާނެ. ދެންވީ އެހެން ކެންޑިޑޭޓަކު އޭނާހޮވިއްޖެނަމަ އަހަރަކު 5000 މީހުން އުމްރާއަށް ފޮނުވާދޭނަމޭ ބުނަން!
ރިފްއަތް ޖިހާދު
19 August 2023
އަލަށް މާލޭ ގަ ތަކްބީރުން ގުގުމާލީ މުއިޒް. މިހާރުވެސް ދީނީ ކަންކަން ކުރިއަރުވަން މިއުޅެނީ. މިވަރެއް ނެތް.
ހާލިދާ
19 August 2023
ރޭޑިއޯއިން ތަކުބީރު ކިޔާފަ ރޭޑިއޯއިން ބަންގިގޮވާފަ ރޭޑިއޯއިން ނަމާދު ކޮށްފަ ދައުލަތން ހައްޖުވީމަ އެންމެންގެ ފަރާތުން ދީން ފުރިހަމަވީ.
ފަރީޝް
19 August 2023
ނިކަމެތިންގެ އިހްސާސްތައް ދަންނަ ބޭފުޅެއް މިނޫނީ ނުދެކެން. ހުރިހާ ރައްޔިތުންނަށް އެބަ އަޅާލާނެ ކަމަށް ބުނޭ. މިފަހަރު ގެ ޗޮއިސް. ޑރ މުއިޒް 4