އެއްވެސް ޒުވާނަކު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނުތިބެ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ކެމްޕެއިނަށް ނުކުތުމަށް އޭނާ ރޭ އެދިވަޑައިގެންފި އެވެ.

ނ. ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ފެނިވަޑައިގަތީ ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއްގައި އުޅޭ ތަން ކަމަށެވެ. ވަކިން ހާއްސަކޮށް ކުންފުނިތަކުގައި ވަޒީފާއަދާކުރާ ޒުވާނުންނާއި އެ މީހުންގެ އާއިލާތައް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިރިޔާ ވެސް ވާހަކައެއް ދައްކައިފިއްޔާ [ނުވަތަ] އަޅުގަނޑުމެން ކަހަލަ މީހަކު އައިސްގެން ސަލާން ކޮށްލަން ނުކުމެފިއްޔާ ތިމަންނަގެ ދަރިފުޅުގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެރިކަން،" ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުތުމުގެ ބިރުވެރިކަން ރަށްރަށުގައި އޮތް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

ވެލިދު އަށް މުއިއްޒު ވަޑައިގަތުމުން އެ ރަށުގެ މީހަކު މުއިއްޒާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ވެލިދު އަށް މުއިއްޒު ވަޑައިގަތުމުން އެ ރަށުގެ މީހަކު މުއިއްޒާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ށ. ފުނަދޫގައި ބޭއްވި ކެމްޕެއިން ރެލީގައި ވާހަކަ ދެއްކި ސަރުކާރުގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ޒުވާނެއްގެ ނަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކެމްޕެއިނަށް އެފަދަ "މަމްދޫހު" ގެ ބޭނުން ޖެހިފައިވާ ކަމަށެވެ. ކުރިއަށް 15 ދުވަސް ތެރޭގައި އެއްވެސް ބިރުވެރިކަމެއް ނެތި މި ސަރުކާރު ބަދަލުކުރުމަށް ނުކުތުމަށް ޒުވާނުންގެ ކިބައިން މުއިއްޒު އެދިވަޑައިގަތެވެ.

"ޒުވާނުން ރައީސް ޔާމީން ދެކެ ލޯބިވެވަޑައިގަންނަވާ ނަމަ ގައުމު ދެކެ ލޯބިވާ ނަމަ ނުކުންނަވާ. ޒުވާނުންގެ ހުރި ޖޯޝާ ފޯރި ދައްކުވައިދޭށޭ،" އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި ކެމްޕެއިނަށް ނުކުމެގެން ވަޒީފާ އިން ވަކިކުރާ ޒުވާނުންނަށް އެ އަށް ވުރެ ރަނގަޅު ވަޒީފާއެއް އޭނާގެ ވެރިކަމުގައި ހޯދައިދޭނެ އެވެ. އޭނާގެ ވެރިކަމެއްގައި ވަޒީފާގެ މި ބިރުވެރިކަން ނޯންނާނެ ކަމުގެ ޔަގީން ވެސް ދެއްވި އެވެ.