ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 އޯގަސްޓް 2023 - 13:35
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހަދައި ސޯޝަލް ހައުސިން ސްކީމްތަކާއި އެހެން ފުރުސަތުތައް ވެސް އެމީހުންނަށް ފަހިވާ ގޮތަށް ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އޭނާގެ ރިޔާސީ ކެމްޕެއިނަށް، ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުންނާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. ހ. މީރުމާ ހޯލުގައި ބޭއްވި އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެ މައްސަލަތައް ހައްލުކުރުމަށް ކޮށްދެއްވާނެ ކަންކަން ވެސް އޭނާ އިއުލާންކުރެއްވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މައިގަނޑު ތިން ކަމެއް ޕްލޭން ކުރެވިފައި އެބައޮތް ކަމަށެވެ.
• ޕާކިން މައްސަލަ ހައްލުކުރަން މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ހަ ޕާކިން ބިލްޑިން އެޅުން.
• އިންޑަސްޓްރިއަލް ވިލެޖުގެ އަސްލު ޕްލޭނާ އެއްގޮތަށް ވޯކްޝޮޕްތަކާއި ގުދަން ކަހަލަ ތަންތަން ހިންގުމަށް އެ ސަރަހައްދު ބޭނުންކުރުން.
• މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން.
ޕާކިން މައްސަލަ ހައްލު ނުވެ އޮތީ މި ސަރުކާރުން އެކަމަށް ހުރަސް އަޅާތީ ކަމަށް މުއިއްޒު މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި، ޕާކިން މައްސަލަ ހައްލުކުރަން މާލޭ ސިޓީ ކައުންސިލުން ޕާކިން ބިލްޑިން އަޅަން ނިންމިޔަސް، އެ ކައުންސިލުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީ ސަރުކާރުން ހިފަހައްޓާތީ އެ މަސައްކަތް އަދިވެސް ކުރިއަށް ނުގެންދެވެ އެވެ.
މުއިއްޒު ވިދާޅުވީ ޕާކިން ޖޫރިމަނާތައް މާފުކޮށްދޭނެ ކަމަށް ކެމްޕެއިންގެ ތެރެއިން އޭނާ މިފަހުން އިއުލާންކުރައްވާފައިވާ އިރު، އެއީ ޓްރެފިކް ވަޔަލޭޝަންގެ ހުރިހާ ޖޫރިމަނާތަކެއް ހިމެނޭ ގޮތަށް ކޮށްދޭން ވައުދުވެވަޑައިގެންނެވި ކަމެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރަކު ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑު އިއުލާންކޮށްފައި އޮންނާނީ ޖޫރިމަނާތައް މާފުކުރާ ވާހަކަ. އެއީ ހަމައެކަނި ޒުވާން ކުދިންގެ ސައިކަލުގެ ވާހަކައެއް ނޫން. ހަމަ ހުރިހާ ޕާކިން ވަޔަލޭޝަން، ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދޭނަން. އެއީ ޓެކްސީ ޑްރައިވަރުންނާއި ލޮރީ ޑްރައިވަރުންނާއި ޕްރައިވެޓް ކާރާއި ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ޕާކިން ވަޔަލޭޝަން ރިކޯޑް ސާފުކޮށްދިނުމުގެ ކަންކަން ވެސް ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމީހުންގެ ދަފުތަރެއް އެކުލަވާލެވިފައި ނެތުމެވެ.
"ވަޒީފާއެއްގެ ގޮތުގައި ކެޓަގަރައިޒްކޮށް، ރަސްމީ ގައުމީ ދަފުތަރެއް އުފައްދައި އޭގައި ރަޖިސްޓްރީ ވީމަ ގާނޫނީ ހައިސިއްޔަތު ލިބޭ ދަފުތަރަކަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ދަފުތަރު އެކުލަވާލުމުން ޓެކްސީ ޑްރައިވަރުންނަށް ބޭންކުތަކުން ލޯނު ނެގުމާއި އިންޝުއަރެންސް ހެއްދުމާއި ސޯޝަލް ހައުސިން ސްކީމްތަކާ އަދި ހައުސިން ލޯނުތައް ނެގުމުގެ ފުރުސަތު ވެސް ފަހިވެގެން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި މުއިއްޒު އަދި ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ދެންނެވި ހާއްސަ ދަފުތަރު ތިބޭފުޅުންގެ އުފައްދާ ކަމަށް ވަންޏާ، އޭގެ ތެރެއިން ވަރަށް ފަސޭހަވެގެން އަންނާނެ ކުރިއަށް ހުރި، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހައުސިން ސްކީމްތައް ތައާރަފުކުރާ އިރުގައި، އޭގެ ތެރެއިން ރިކޮގްނައިޒް ކުރެވިގެން ޓެކްސީ ޑްރައިވަރުންނަށް ވަކި ޕަސެންޓޭޖެއް ކަނޑައަޅަން،" މުއިއްޒު ވިދާޅުވި އެވެ.
"...ތިބޭފުޅުންނަށް [ޓެކްސީ ޑްރައިވަރުންނަށް] ވެސް އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ވިސްނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކެޓަގަރީއެއް ކަނޑައަޅައި ނުވަތަ ވަކި ޕަސެންޓޭޖެއް ކަނޑައަޅެޅުން ސޯޝަލް ހައުސިންގައި ފްލެޓް ލިބޭ ފަރާތްތަކުގައި ހިމަނަން،" މުއިއްޒު ވިދާޅުވި އެވެ.
ކެމްޕެއިނަށް މުއިއްޒު ގެންދަވަނީ މާލެ އާއި ރަށްރަށުގައި ވެސް އާންމުންނާ ބައްދަލުކުރައްވަމުންނެވެ. އަދި އެއިން ކޮންމެ ބައްދަލުވުމެއްގައި ވެސް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ވަރަށް ގިނަ ކަންކަން އިއުލާންކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓު މަޅި
27 August 2023
1- ޓެކްސީ ޑްރައިވަރުންގެ ދަފްތަރު 2- ސައިކަލު ދުއްވާ މީހުންގެ ދަފްތަރު، 3- ބައިސްކަލް ދުއްވާ މީހުންގެ ދަފްތަރު، 4- ބަސް ޑްރައިވަރުންގެ ދަފްތަރު، 5- ބަގީ ޑްރައިވަރުންގެ ދަފްތަރު، 6- ވީލް ބަރޯ ދުއްވާ މީހުންގެ ދަފްތަރު، 7 ޓްރޯލީ ދުއްވާ މީހުންގެ ދަފްތަރު، 8- ސްޓްރެޗަރ ދުއްވާ މީހުންގެ ދަފްތަރު.
ޭެޕޭކުރުން
26 August 2023
ޜާއްޖޭގަ ހުސް ޕޭދޯކުރެވެނީ. ޢެހެން ގައުމެއްގެ މީހަކަށް އޮންލައިންކޮށް ދިވެހިންއަތުން އެއްޗެއްގަނެ އެފައިސާ ދިވެހިންގެ އެކައުންޓައް ޖަމާކުރެވޭގޮތްހަދަން ދަންނަމީހުން މުހިންމީ
މަސައްކަތްތެރިން
26 August 2023
މިހާރު ޓިޗަރުންނަށް ޖައްސައިގެން އުޅޭ ލައިސަންސްގެ ތަކުލީފުވެސް އުވާލައި މަސަތްކަތަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދިނުންވެސް މުހިންމު.
އާދަން
26 August 2023
ދެން ހުރިހާކުދިން ޓެކްސީ ޑްރައިވަރު ދަފްތަރުގަ އަވަހައް ޖައްސާ. އަދި މިއުޅެނީ މާލޭ ދަފްތަރުގަ ރަޖިސްޓްރީވި މީހުނަށް ގެދޮރު ނުލިބެގެން. ޓެކްސީ ދަފަތަރުން ލިބޭނެހެން ހީވަނީ ތަންކޮޅެއް ފަސޭހައިން. ބޭނުން ވާނީ ގަރާޖު ސިޓީ.
ބަލިކުއްޖާ
26 August 2023
މަގުމަތީއުޅޭ ބަލިކުދިންގެ ދަފުތަރެއްަދާ އެކުދިންނަށް މުސްތަގުބަލެއް ހޯދާ ދޭނީކާކު؟ ފުލެޓް އެޅުމަށްވުރެން ޤައުމުގެ ކުރިމަގު ސަލާމައްކުރުން ރަނގަޅުހެން ހީވަނީ!
ީއިބިލިސް
26 August 2023
ހައުސިންގ މިނިސްޓަރު ކަމުގަ5އަހަރު ހުރި އިރު ކޮބާ ތި ފްލެޓް
އިބިރަހިމާ
27 August 2023
5 އަހަރެއްނޫން. 7 އަހަރު ހުރި. ވަހީދު ސަރުކާރުގެ 2 އަހަރު އަދި ޔާމީން ސަރުކާރުގެ 5 އަހަރު
ހިޔާލީ
26 August 2023
އެއްވެސް ޓެކްސީ ޑްރައިވަރަކަށް ފްލެޓު ނުލިބެނީތަ؟ މިހިރީ ކެމްޕޭނުގަވެސް ހަދާ މަކަރު
ދިހާމް
26 August 2023
މުއިޒް ތަފާތު. ހުރިހާ ރައްޔިތުންނަށް ބޯހިޔާވެހިކަން މިފަހަރު.
މުހައްމަދު މުއުމިން
26 August 2023
މިސަރުކާރުން އަޅުގަނޑުމެން ޓެކްސީ ކުރާ މީހުންނަށް ވަރަށް ދެރަކޮށް ކަންކަން ކުރީ. އޭގެ ބަދަލްގަ މުއިޒްގެ ޕްލޭން މިހުރީ ވަރަށް ފުރިހަމަކޮށް. ބޯހިޔާވެހިކަން.
މިސްބާހް އަހްމަދު
26 August 2023
މިފަހަރު ޓެކްސީ ޑްރައިވަރުންގެ 95% މީހުން ޑރ.މުއިޒްއަށް ލިބޭނެ.