އިންޓަނޭޝަނަލް ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާ އެކު ޒުވާނުންނަށް އަމާޒުކޮށް ގެންގުޅުއްވާ ތަސައްވަރު އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ މާލޭގެ ރާޅުގަނޑު ސަރަހައްދު އިންޓަނޭޝަނަލް ސާފިން ސްޓޭޑިއަމެއްގެ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

"އޭރުން ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ހާސިލްވާ ސްޓޭޑިއަމަކަށް އެތަންވާނެ، މިއާއެކު ރާއްޖޭގެ އެހެން ސަރަަހައްދުތަކަށް މިކަން ފުޅާކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އީ ސްޕޯޓްސް ގޭމިންއަކީ އެންމެ ގިނަ ޒުވާނުން ޝާމިލްވާ ކުޅިވަރަށްވީ ނަމަވެސް، އެކަމަށް އަޅާލައި ކުރިއަރުވާނެ ބަޔަކު ނެތް ކަމަށާއި އޭނާގެ ސަރުކާރެއްގައި ގައުމީ ފެންވަރުގައި އެ ކުޅިވަރު ބަލައިގަނެ، ކުރިއަރުވާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.

"ދެންވާ ގޮތަކީ އެއަށް ލިބިގެންދަނީ ހާއްސަ ފުރުސަތުތައް. އީ ސްޕޯޓްސް އެރީނާއެއް މާލެ، ހުވަދޫ އަދި ހދ.ގައި ގާއިމްކޮށްދޭނަން،" މުއިއްޒު އިއުލާން ކުރެއްވި އެވެ.

ހަމައެއާއެކު ޑްރިފްޓިން ގައި އުޅޭ ޒުވާނުންނަށްޓަކައި ޑްރިފްޓިން ސްޓޭޑިއަމެއް މާލޭ ސަރަަހައްދުގައި އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިނގިލީގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ކުޅިވަރުގެ ގިނަ ވައުދުތަކެއް - ފޮޓޯ: ނިޝާން އަލީ / މިހާރު
ވިލިނގިލީގައި މިރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ކުޅިވަރުގެ ގިނަ ވައުދުތަކެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ރޭސިންއަކީ ވެސް ވަރަށް ގިނަ ޒުވާނުން ބައިވެރިވާ ކުރިއަރާފައިވާ ކުޅިވަރަކަށްވާތީ އިންޓަނޭޝަނަލް ފެންވަރުގެ ރޭސިން ޓްރެކެއް މާލޭ، އައްޑޫ އަދި އުތުރުގައި ގާއިމް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަމައެކަނި ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް އަޅާފައި ނިންމައި ނުލާނެ ކަމަށާއި ޒުވާނުން ޝާމިލްވެ އުޅޭ ހުރިހާ ކުޅިވަރެއް ވެސް ތަރައްގީކޮށްދޭނެ ކަމަށެވެ. އެކަން ފުރިހަމަކޮށްދޭނީ އެންމެ މަތީ ފެންވަރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ޒުވާނުންނަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަކުރަކުން ޖުމްލައަކުން އެންމެ މުހިންމު ބައެކޭ ކިޔާފައި ދުކޮށްލާނެ ބައެއް ނޫން. މިއިން ކޮންމެ ކުޅިވަރެއް ކުރިއެރުވީމަ އެ ލިބެނީ ވަޒީފާގެ ފުރުސަތުތައް، އާމްދަނީ ލިބިގެން ދަނީ. އެ ކުދިން މުޖުތަމައުގަ މުހިންމު ބަޔަކަށް އެބަވޭ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޒުވާނުން ގޮވައިގެން އުޅޭ ސަރުކާރެއްކަން އަމަލީ ގޮތުން ދައްކައިދޭނަން."