ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކޮށްފި ނަމަ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރައި، އެ ސިނާއަތަށް މަސްވެރިން އުއްމީދު ކުރާ ފަދަ "ބޮޑު ބަދަލެއް" އަންނަ އަހަރު ނިމުމުގެ ކުރިން ގެނެސް ދެއްވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގަންނަވައިފި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕޭނުގައި ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނައިފަރަށް ވަޑައިގެން ރައީސް ވިދާޅުވީ މިއީ މަސްވެރި ރަށެއް ނަމަވެސް، ފެލިވަރުގެ ހާލަތު މިހާތަނަށް އޮތީ ވަރަށް ދެރަވަރުކޮށް ކަމަށެވެ.
އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމުގެ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް އޮންނަން ޖެހޭނެ ހާލަތެއް ނޫނެވެ. މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ފަށާފައިވާ މަސައްކަތަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ނިމޭއިރު، މަސްވެރިން ބޭނުންވާ "ބޮޑު ބަދަލެއް" ފެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އަންނަ އަހަރު ނިމެންވާއިރަށް ތިޔަބޭފުޅުން ބޭނުންވާ ބޮޑު ބަދަލު ފެންނާނެ. ބާނާ ހުރިހާ މަހެއް ކިރޭނެ. ހެޔޮ އަގު ވެސް ލިބޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މަސް ގަންނަ އަގު އެތައް ގުނައެއް ބޮޑުކުރަން ވާދަވެރި ކެންޑިޑޭޓުން ވަމުންދާ ވައުދުތަކާ ގުޅުވައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ އެއްވެސް ގޮތެއްގައި ދެކޮޅު ޖެއްސޭނެ ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.
ނައިފަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް އިތުރު ވައުދުތަކެއް ވެވަޑައިގެންނެވި އެވެ.
އޭގެ ތެރޭގައި، މިހާރު ޕްލޭން ކޮށްފައި އޮތް ގޮތަށް 20 ހެކްޓަރުގެ ބިން ހިއްކައި، ވެރިކަމުގެ ފުރަތަމަ ކަމަކަށް 200 ފްލެޓް އިމާރާތް ކޮށްދިނުން ހިމެނެ އެވެ. އެ ރަށުގެ މަގުތަކުގައި ތާރު އެޅުމާއި ރަށުގެ އުތުރު ބަނދަރު މަރާމާތުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނައިފަރުގައި މިހާރު ގާއިމުކޮށްފައިވާ 200 ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން ރައްޔިތުން އެދެމުންދާތީ، އެކަން ވެސް ދިރާސާ ކުރައްވައި، ހެޔޮ ބަދަލެއް ގެނެވޭނެ ކަމުގެ އުއްމީދު ރައީސް ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެހެން އަތޮޅުތަކުގައި ވެރިކަން ކުރާ ރަށަށް އައިސްފައިވާ ތަރައްގީއާ އަޅާބަލާއިރު، ކުރީގެ ސަރުކާރުތަކުން ނައިފަރަށް ވަރަށް އިހުމާލުވެފައިވާ ކަމަށެވެ.
އެކަމަކު އެ މަނިކުފާނުގެ ސަރުކާރުގައި އެ ބަދަލު ގެނެސްދެވިއްޖެ ކަމަށް ވިދާޅުވި އެވެ.