އުފަން ރަށް ޅ. ހިންނަވަރުގައި އުޅުއްވިއިރު ތަޖްރިބާ ކުރެއްވި ދަތިތައް ހަނދާންތައް އާ ކުރައްވައި އަދި ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންގެ އެ ދަތިތަކާއި ބޭނުންތައް ރަނގަޅަށް އެނގިވަޑައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް އުފަން ރަށް ހިންނަވަރަށް ވަޑައިގެން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރަށުގައި ތަޖުރިބާ ކުރެއްވި ދަތި އުނދަގޫ ދިރިއުޅުމުގެ ހަނދާންތައް އާ ކުރައްވައިފަ އެވެ. އެގޮތުން ރަށުގައި އެމަނިކުފާނު އުޅުއްވިއިރު ސާފު ބޯފެނާއި ނަރުދަމާ އާއި ލަފާކުރުން ފަދަ އެތައް ކަމަކުން މަހްރޫމްވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިންނަވަރާއި ނައިފަރު ހިމެނޭ ފާދިއްޕޮޅުގެ ރަށްތަކުން ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި ކެޕްޓަނުން ފަދަ ހުނަރުވެރި އަދި ގާބިލް ބަޔަކު އުފެދުނެވެ. އެކަމަކު ގިނަ ބަޔަކު ރަށުގައި ދިރިނޫޅެވިގެން މާލެއަށް ބަދަލުވާން ޖެހުނު ކަމަށް ވިދާޅުވެ، ރައީސް ވަނީ ސުވާލެއް ކުރައްވައިފަ އެވެ.
"ކީއްވެގެންތޯ މި ރަށްރަށުގައި ދިރިނޫޅެވޭންވީ؟ އެއީ ސުވާލަކީ." އެމަނިކުފާނު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ހިންނަވަރު ނަންގަވައި، ރައީސް ވިދާޅުވީ އެ ރަށުގެ އާބާދީ 5،000 އަށް ވުރެ މައްޗަށް ގޮސްފައި ވިޔަސް، ރަށުގައި ދިރިއުޅެނީ 2،000 އެއްހާ މީހުން ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިން ކުޑަ ރަށެއްގައި ދިރިއުޅުން ބިނާކުރާނެ ޖާގަ ނެތުމެވެ.
"ގިނަ ގެތައް ބެހީމާ މީހަކަށް 100 ފޫޓު ވެސް ނުލިބޭ. އަޅުގަނޑުގެ އަމިއްލަ ގެ ބެހިޔަސް ކުއްޖަކަށް 200 ފޫޓު ވެސް ނުލިބޭ،" ކުރީގެ ސަރުކާރުތަކުން ވެފައި އޮތް ބޮޑު އިހުމާލު ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން ނުކުމެ މި ތިބީ އެކަން ބަދަލުކޮށް، އަމިއްލަ ރަށުގައި ހިތްފަސޭހަ، އުފާވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދުވަސްތައް އިޔާދަކޮށް ދޭށެވެ.
"މިތަންތަން ތަރައްގީ ކޮށްގެން މާލެއަށް ލުޔެއް ލިބޭނީ. މިއީ މި ގެންނަން އުޅޭ ބޮޑު ބަދަލަކީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން އެހާ ރަނގަޅަށް އެނގިވަޑައިގަންނަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ހަނދާންތަކާއި ކުރެއްވި ތަޖުރިބާތަކުންނެވެ.
"ރައްޔިތުން ބޭނުންވާ ކަންކަން އެނގިގެން މި މަސައްކަތް ކުރަމުންދަނީ." މި ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް މި އޮތް ދައުރުގައި ކުރިއަށް ގެންގޮސް، ތަފާތުތައް ނައްތާލައި، ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ހިންނަވަރަށް އިތުރު ވައުދުތަކެއް ވެސް މިރޭ ވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި، އެ ރަށުގެ ބިން އިތުރަށް ހިއްކައި އަދި އިތުރު 200 ހައުސިން ޔުނިޓު ނޫނީ ރޯ ހައުސް އަޅައިދިނުން ހިމެނެ އެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި ދިނުމާއި އަދި ރަށު ސްކޫލަށް ބޭނުންވާ އާ އެޑްމިން އިމާރާތާއި ކްލާސްރޫމު އަޅައި ދިނުމުގެ އިތުރުން އެތަނަށް ރަނގަޅު ބޮޑު ބަދަލެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުން ހުރިހާ ރަށެއްގެ ރައްޔިތުންނަށް ކުރިއެރުން ލިބޭނީ ދެވަނަ ދައުރެއްގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމުންނެވެ.