އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކޮށް، މި އަތޮޅު ދިޔަމިގިއްޔާއި މަޑުފުށި ގުޅުވާލުމަށް ކޯޒްވޭއެއް އަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅު ކެމްޕެއިނު ދަތުރުގެ ފަހު މަންޒިލަކަށް ގުރައިދޫއަށް ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ހޭދަވެގެން ދިޔައީ ވަރަށް މާޔޫސީ ފަސް އަހަރު ކަމަށާއި ތަރައްގީ ގެނެވެން އޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކުން ކަމަށެވެ.
ޕީޕީއެމަކީ ވައުދު ފުއްދާކަން ހާމަކޮށްދީފައިވާ ޕާޓީއެއް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ގުރައިދޫގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އެއާޕޯޓު މަޝްރޫއަށް ބިން ހިއްކުމުގައި ގުރައިދޫ ކައިރީގައި އޮތް ގާދިއްފުށީގައި ވެސް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއާއެކު މަޑިފުއްޓާއި ދިޔަމިގިލި ގުޅުވާލައި ދޭ ކޯޒްވޭ ވެސް އަޅާނެ ކަމަށާއި އެއީ ރައްޔިތުން ނުހަނު އެދޭ ކަމެއް ކަމަށެވެ.
އަޅުގަނޑުމެންނަކީ ތަރައްގީގެ ކަންކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ފަރިތަކަމާއެކީ ކުރިއަށް ގެންދިޔަ ބައެކޭ، އިހުލާސްތެރިވާނަމޭ، ތެދުވެރިވާނަމޭ، ވަފާތެރިވާނަމޭ: މުއިއްޒު
މުއިއްޒު ވިދާޅުވި ގޮތުގައި މި ރަށުގައި އަޅާ އެއާޕޯޓާ އެކު ޓޫރިޒަމް ދާއިރާ މި އަތޮޅުގައި އިތުރަށް ފުޅާވެ، އޭގެ ނަފާ ލިބި، ފުދުންތެރި ރައްޔިތުންތަކެއް ދިިރިއުޅޭ ތަނަކަށް ބަދަލުވެގެން ދާނެ އެވެ.
"ޓޫރިޒަމްގެ އެކި މަޝްރޫއުތައް، އެއީ ރިސޯޓު ހެދުން ލޯކަލް ޓޫރިޒަމް ވިޔަސް ސިޓީ ހޮޓާ ވިޔަސް. މުޅި އަތޮޅުގެ އެކި ރަށްތަކަށް އޭގެ ނަފާ ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަށް ގަސްދު ކުރާ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފައި ވެރިކަމަށް އާދެވުމުން އެކަންކަން ހަނދާން ނައްތާލާ ވެރިއަކަށް ނުވާނެ ކަމަށާއި ވާ ވައުދެއް ވިއްޔާ ފުއްދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ތަރައްގީގެ ކަންކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ފަރިތަކަމާއެކީ ކުރިއަށް ގެންދިޔަ ބައެކޭ، އިހުލާސްތެރިވާނަމޭ، ތެދުވެރިވާނަމޭ، ވަފާތެރިވާނަމޭ. މިގޮތަށް ދައްކާ ވާހަކައަކީ ހަގީގަތަކަށް ހަދައިދިނުމުގައި ސަމާލުކަން ދީގެން އެކަން ކޮށްދީގެން،" މުއިއްޒު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި ކުރި އަރަމުން އަންނަ ތ. އަތޮޅުގައި މިވަގުތު އޮންނަނީ އެންމެ އެއާޕޯޓެކެވެ. ތިމަރަފުށީ އެއާޕޯޓު އިންޓަނޭޝަަނަލް އެއްވެސް ފްލައިޓަކާ ގުޅުވާލައިގެން ފަތުރުވެރިން ގެނެވޭ ވަރަށްވުރެ ފްލައިޓް އަންނަ އަދަދު މަދު ކަމުގެ ޝަކުވާ އެ ދާއިރާގެ މީހުންގެ އަބަދުވެސް އޮވެ އެވެ.
މުއިއްޒު ވަނީ ވިލުފުށީގައި ވެސް އެއާޕޯޓު އަޅާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ.