މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ ގޮނޑި އަށް، ރާއްޖެ ޓީވީން ކުރިމަތިލި އަލީ ޔޫސުފް މިއަދު ހޮވިއްޖެ އެވެ.

ހޯމް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި އިންތިހާބުގައި، ރާއްޖެ ޓީވީގެ ނިއުސް ހެޑް އަލީ ޔޫސުފް އިންތިހާބު ކާމިޔާބު ކުރީ ޗެނަލް 13ގެ ސްޓޭޝަން އިންޗާޖު މުހައްމަދު ނިޔާޒާ ވާދަކޮށްގެންނެވެ.

މި އިންތިހާބުގައި 98 މީޑިއާއަކުން ވޯޓުލިއިރު، އަލީ ޔޫސުފް ވަނީ 66 ވޯޓު ހޯދައިފަ އެވެ. ނިޔާޒަށް ލިބުނީ 32 ވޯޓެވެ.

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން މިއަދު މި ބޭއްވީ ކުރިން އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު އަފްޒަލް އިސްތިއުފާ ދެއްވުމުނެވެ.

މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުގެ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެމްބަރެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ އިންތިހާބު ބާއްވައިފަ އެވެ.