ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރި ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، ޖީޑީޕީގެ ނިސްބަތުން އަންނަ އަހަރު ދަރަނި 111 ޕަސެންޓަށް އަރާނެ އެވެ. އެ އަށް ފަހު 2025 ވަނަ އަހަރު ދައުލަތުގެ ދަރަނި 130 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އަމާޒަކީ 2026 ވަނަ އަހަރު ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 93 ޕަސެންޓަށް ކުޑަކުރުން ކަމަށެވެ.
އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވެ އެވެ.
ސަރުކާރުގެ އަމާޒަކީ ރިކަރަންޓް ހަރަދު ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމެވެ. ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓުގައި ބެހެއްޓުމެވެ. ނަމަވެސް، މި އަހަރުގެ ބަޖެޓު ޑެފިސިޓް ވެސް ހުރީ ޖީޑީޕީގެ ނިސްބަތުން މައިނަސް 6.3 ޕަސެންޓުގަ އެވެ. އެއީ 11.5 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ބަޖެޓު ޑެފިސިޓް ބެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އަންދާޒާ އަކީ 9.8 ބިލިއަން ރުފިޔާ އެވެ.
ދަރަނި އަދާކުރަން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 11.5 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.