އެފްއޭއެމްގެ ވެރިންނަށް އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އޮތް ދަނޑިވަޅުގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފްރާންސްގެ ޕެރިހަށް ވަޑައިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފި އެވެ.
ފީފާ އާއި އޭއެފްސީ އަދި ބައިނަލްއަގުވާމީ އެހެން އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުގައި، ފުލުހުން މިދިޔަ އާދިއްތަ ދުވަހަށް ފަހު އެފްއޭއެމްގެ އޮފީހަށް ވަދެ ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު، މި ދަނޑިވަޅަކީ ބައްސާމް އާއި އެފްއޭއެމްގެ ވެރިންނަށް އެންމެ ޕްރެޝަރު ދަނޑިވަޅެވެ.
ފުލުހުން، އެފްއޭއެމަށް ވަދެ ފެށި ތަހުގީގުގައި، ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ އެ އެސޯސިއޭޝަނުގެ ބައެއް ވެރިންނާއި އެ މީހުންނާ ގާތް ގުޅުން އޮންނަ ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާ ކަމުގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ޝޯޝަލް މީޑިއާގައި އިންފަންޓީނޯ ވިދާޅުވީ ބައްސާމާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒާ ބައްދަލުކޮށް ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
"(ރާއްޖޭގެ) ފުޓްބޯޅަ ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކޮށް، އަހަރެމެންގެ މި ހިތްގައިމު ކުޅިވަރު މި ރީތި ގައުމުގެ އިތުރު އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ހަމައަށް ގެންދެވޭނެ ގޮތްތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާ ކުރިން،" ސޯޝަލް މީޑިއާގައި އިންފަންޓީނޯ ވިދާޅުވި އެވެ.
"ފީފާއިން އަބަދުވެސް މިތިބީ މި ޖަމިއްޔާގެ ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށް އެއްބާރުލުން ދޭން. އެއީ އެކަން އަހަރެމެން ވަރުގަދައަށް ގަބޫލުކުރާތީ."
ފުލުހުން އެފްއޭމަށް ވަނުމުން، ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު މިހާތަނަށް ފީފާއިން އެފަދަ އެއްވެސް ނިންމުމެއް ރާއްޖެއާ ބެހޭގޮތުން ނިންމާފައެއް ނެތެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް، "މިހާރު" ޖިނާއީ ތަހްގީގެއް ކުރަން، ފުލުހުން އެފްއޭއެމަށް ވަދެގެން ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމަށެވެ. ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް ހިންގާ ނަމަ އެފްއޭއެމަށް ފުލުހުން ވެދަ ބަލަން ފީފާ އާއި އޭއެފްސީން ދެކޮޅު ނުހަދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވީ، ފީފާ އިން މައްސަލައިގެ ތެރެއަށް ވަންނާނީ، އެފްއޭއެމްގެ ލީޑަޝިޕަށް، އެ އެސޯސިއޭޝަން ހިންގަން ހުރަސްތައް ކުރިމަތިކުރާ ހާލަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މަޖުބޫރުކޮށްގެން ވަކި ބަޔަކު އެފްއޭއެމް ލީޑާޝިޕަށް ގެންނަން މަސައްކަތްކުރާ ހިސާބުން ފީފާ އިން ވަންނާނެ ކަމަށެވެ.