ފޮރިން މިނިސްޓްރީގެ އިމާރާތް: ގައްޒާގެ ރެފިއުޖީ ކޭމްޕަކަށް އިޒުރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ނޮވެމްބަރ 2023 - 12:50
ގައްޒާގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒުރޭލަށް ރޭގައި ދިން ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ދިން އެ ހަމަލާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އާންމު ރައްޔިޔުންނާ ދެކޮޅަށް އިޒުރޭލުން ދެމުން ގެންދާ ހަމަލާތަކާއި ކުރަމުން ގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ދެކެމެވެ،" އިޒުރޭލުގެ އަމަލުތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ފަލަސްތީނުގެ ކުށެއް ނެތް މީހުންނަށް ދޭ ހަމަލާތަށް ހުއްޓުވުމަށާއި އދ. ގެ އާންމު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމު އަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށެވެ.
ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރަން ވެސް ދިވެހި ސަރުކާރުން ގޮވާލި އެވެ.
ސަރުކާރުން ވަނީ މީގެ ކުރިން ވެސް އިޒުރޭލުގެ އަމަލުތައް ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ. އަދި އދ. ގައި ވެސް އިޒުރޭލާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ.
މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން އިޒުރޭލަށް ދިން ހަމަލާގެ ބަދަލުގައި އިޒުރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ 8،000 ވުރެ ގިނަ މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރަރިސްޓު ހުޅަނގު
01 November 2023
އަނެއްކާ ބޮން އަޅާފި ހަމަ އެ ރެފިއުޖީ ކޭމްޕަށް، ކުއްވެރިކުރީމަވެސް. ފަލަސްތީން އެންމެން ނެތިކޮށްލަން އުޅޭ ބަޔަކު އެ ކަންކޮށްފަ ނޫނީ ނުހުއްޓާނެ. ރާއްޖޭން ކުރެވެން އޮތް ކަމެއް ކޮށްދީ އެ މީހުން ހުއްޓުވަން
އަލިފް ހ
01 November 2023
ހޮސްޕިޓަލަކަށް، ރެފިއުޖީ ކޭމްޕަކަށް އެކަނި ހަމަލާ ދިނުމުންތޯ ކުށްވެރިވަނީ؟ ކުށެއްނެތް މަޢުޞޫމު ތުއްތު އެތައް ފުރާނައަކާ، އަންހެނުންނާ، މުސްކުޅިންނާ، ޒުވާނުން، އެންމެ މުސްލިމް ތަކުން ޝަހީދު ކުރަމުން ދާއިރު އެއީ ކުށެއް ނޫންތޯ؟؟ މުސްލިމް ބިންތައް ފޭރިގެން އުޅުން އެއީ ޓެރަރިޒަމެއް ނޫންތޯ؟؟
މަނާކުރޭ
01 November 2023
ދިވެހި ސަރުކާރުގެ އިހުލާސްތެރިކަން ހުރިނަމަ، އިޒްރޭލު ޕާސްޕޯޓު މަނާކުރާނެ.
އަޚް އަލީ
01 November 2023
މިވަރަކުން ނުފުދޭ.