ފަލަސްތީނުގެ ޣައްޒާގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އަދި ހާއްސަކޮށް ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިއްހީ ވަސީލަތްތަކަށް އަމާޒުކޮށްގެން ދޭ ހަމަލާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާއި އަދި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށާއި އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން އިޒްރޭލަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެފަދަ ކަންކަމަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށް ހުރަސްއެޅި، މަޝްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. 

މީގެ އިތުރުން އާންމުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމު އުމްރާނީ ވަސީލަތްތައް ފުރިހަމައަށް ރައްކާތެރި ކުރުމަށާއި އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުރަހެއް ނެތި އަވަހަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ތަކުރާރުކޮށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާކަން ކަށަވަރު ކުރުމަށާއި ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ވަގުތަށް ސާބިތުކަމާ އެކު ފިޔަވަޅުތައް އެޅުމަށް ވެސް ރާއްޖެއިން ގޮވާލާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތަކަށާއި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ރާއްޖެއިން ސާބިތުކަމާ އެކު ދޭ އެހީތެރިކަމާއި އެއްބާރުލުން ދެމިއޮންނާނެ އެވެ. އަދި އޭގެ ތެރޭގައި 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ދޭންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.