ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އަންނަ ހުކުރު ދުވަހު ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެމްޕެއިނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތެއް މިރޭ ނެރެފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވައި، ފޮތުގެ ފުރަތަމަ ކޮޕީ ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) އާ ހަވާލު ކުރައްވައިފަ އެވެ.

އެ ފޮތުގައި ވަނީ މި އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނައިފަ އެވެ. އެއީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ 33 ދުވަހާއި ދެ ވަނަ ބުރުގެ ކެމްޕެއިންގެ 20 ދުވަހުގެ ދަތުރުފުޅުތަކުގައި ދެއްކެވި ވާހަކަފުޅުތަކެވެ.

އިންތިހާބީ ރައީސް މުއިއްޒު ކެމްޕެއިންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އިންތިހާބީ ރައީސް މުއިއްޒު ކެމްޕެއިންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޖުމުލަ 900 ސޮފުހާ ހިމެނޭ ފޮތުގައި މުއިއްޒުގެ ވާހަކަފުޅުތަކުގެ އިތުރުން އެ މަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި އެ ރަށާއި އަތޮޅާއި ގައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ފެންނާނެހެން ވަނީ ހިމަނައިފަ އެވެ. މުއިއްޒު އެކި ކަންކަމާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ވެސް ފޮތުގައި ވެ އެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ކޮމިއުނިކޭޝަން އޮފީހުގެ ފަރާތުން މުހައްމަދު އިކްރާމް މިރޭގެ ޖަލްސާގައި ވިދާޅުވީ 153 ރަށާއި ފަސް ސިޓީ އަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި 205 ފަހަރު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

މިރޭގެ ހަފުލާގައި އިންތިހާބީ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މިރޭގެ ހަފުލާގައި އިންތިހާބީ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އެ މަނިކުފާނުގެ މި ވާހަކަފުޅުތަކަށް ގާތްގަނޑަކަށް 1،913 މިނެޓު ވަނީ ހޭދަކުރައްވާފައި،" ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުއިއްޒުގެ ފޮތުން ފެންނަނީ ގައުމާ އަލަށް ހަވާލުވެވަޑައިގަންނަވާ ޒުވާން ވެރިއެއްގެ ހިތްޕުޅުގައި ގައުމާއި ދީނާއި ތަރައްގީއާ ދިވެހި ބަހާ މެދު އޮތް ތަސައްުވުރު ކަމަށާއި މިއީ މި ގޮތުން ނެރޭ ފުރަތަމަ ފޮތް ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސެއްގެ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނައިގެން ނެރުނު ފުރަތަމަ ފޮތް ވެސް މެ އެވެ.