މި ހިނދުން ފެށިގެން ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ނުފޫޒުފޯރުވުން ނިމުމަކަށް އައީ ކަމަށް، ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ކަށަވަރުކުރަން ބޭނުންވަނީ ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އަދުލް އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަ ވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަަމަވެސް އޭގެ މާނަ އަކީ ފަހަރެއްގައި ވެސް ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުން ކަހަލަ ބޮޑެތި ކުށްތައް ކުރާ މީހުންނާ މެދުގައި ސަރުކާރުން ލޯމަރާލައިގެން ތިބުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއާ ހިލާފަށް މީގެ މާނަ އަކީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން، އެކަން މި ނިންމީ،" ރައީސް ވިދާޅުވި އެވެ.
ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގައި މައިގަނޑު ދެ އަސާސެއްގެ މައްޗަށް ގައުމު ބިނާކުރައްވަން އިސްކަން ދެއްވާނެ ކަމަށެވެ. އެއީ، އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ނުވަތަ އެހެން އިބާރާތަކުން ދަންނަވާ ނަމަ، ގެދޮރާއި ދިފާއީ ބުރުޒުތަކާއި މަގުތަކާއި ފާލަންތަކާއި އޮފީސްތައް ބިނާކުރުމާއި ހެޔޮ ވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ އަހުލާގު ރަނގަޅު މުޖުތަމައުއެއް ބިނާކުރުން،" ރައީސް ވިދާޅުވި އެވެ.
"އެހެން ކަމުން އެއީ ގައުމުގެ ފަސްގަނޑު ބިނާކުރުމާއި ގައުމު ސިކުނޑިތައް ބިނާކުރުން. މި ފެށޭ ސިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިއުން."
ރައީސް ވިދާޅުވި ގޮތުގައި، އިލްމާއި ހުނަރާއި އަހުލާގާއި ދީނާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަމަށް ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އެވެ.
"އިރާދަކުރެއްވީތީ މިއަދަކީ ޒަމާންތަކަކަށް ފަހު ދިވެހިން ދިވެހިންގެ ރާއްޖެއަށް އަލުން އެނބުރި ދިއުމުގެ ހާއްސަ ދަތުރަށް ރިޔާ ކޮށާލި ދުވަސް،" ރައީސް ވިދާޅުވި އެވެ.