ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ކުންފުނިތަކުގެ ވެރިންނާ އެކު އިއްޔެ މަޝްވަރާކޮށްފި އެވެ. 

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި، ރައީސްގެ ރިޔާސީ ވައުދުތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެސްފައިވާ ހައްލުތަކާ އެކު، މަޑުޖެހިފައި ހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

އޭގެ އިތުރުން، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާ އެކު އަދި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ބާރުއެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރަށްރަށުގައި ހިނގަމުންދާ އަސާސީ ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިމި، ތަރައްގީގެ ތަސައްވުރުގެ ބޮޑު ބައެއް ހާސިލު ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުން ދެ އަހަރު ފަހުން މިނިވަން ދުވަސް އަންނައިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުންނާނީ ނިމިފަ އެވެ. ކުނިކޮށި ގާއިމުކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ހުންނާނީ ހަދައިފަ އެވެ.