ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް އުފައްދައި، އިތުރު ފިޔަވަޅުތައް އަޅަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ. 

ރައީސް އޮފީހުން ބުނީ ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެ މަގުސަދު ހާސިލްކުރުމަށް، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ ދުވެލި ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމްސް (ޕިމްސް) ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކޮށް، އަދި ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މީގެ އިތުރުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ހާއްސަ ޓީމެއް އެކުލަވާލުމުގެ އިތުރުން މަޝްރޫއުތައް ހިނގާ ގޮތް ބެލުމަށް ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް އުފައްދަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމަށް، އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާއެކު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ބޯހިޔާވަހިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދެކެވެ. އަދި ރައީސް މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ބިންގާ އަޅާފައިވާ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ އެވެ. 

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް މި އަހަރު ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.