"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ ސްކީމުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އަޅައި ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ފްލެޓުތައް ނިންމައި ހަވާލުކުރުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅު ފުއްދެވޭނެ ކަމަށެވެ.
އެކަން ހާސިލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް މިދިޔަ ދުވަސްތަކުގައި ބޭއްވި ބިންގާ އެޅުމުގެ ރަސްމިއްޔާތުތަކުގެ ތެރެއިން، ބީއެމްއެލް އިން ހިންގާ މަޝްރޫއުތަކުން އެއް މަޝްރޫއު ފިޔަވައި އެހެން ހުރިހާ މަޝްރޫއުއެއްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް އަންނަ މަހުގެ ފަށާނެ ކަމަށެވެ.
"ބީއެމްއެލްގެ ފައިނޭންސް ހައުސިން ޕްރޮޖެކްޓްތަކެއް. މި މަޝްރޫއުތަކުގައި ވެސް އަމަލީ މަސައްކަތަށް ދިއުމަށް ދާންޖެހޭ ހުރިހާ ކަމެއް، މިއަދު ހެނދުނު އަޅުގަނޑު ތިކަން ބަލާލިއިރު ލިބިފައި އޮތް މައުލޫމާތަކީ މި އަންނަ މަހުގެ ތެރޭގައި އޭގެ ތެރެއިން އެއް ޕްރޮޖެކްޓް ފިޔަވަައި ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ ގޮތުން އަޅަން ފައުންޑޭޝަނަށް އަޅަންޖެހޭ ކޮންކްރީޓު އެޅި ފިޒިކަލް ވޯކު ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން މިހާރު ވެސް ދަނީ ފައުންޑޭޝަން އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
ސަރުކާރުގެ އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ފްލެޓުތައް އަޅަނީ ހުޅުމާލެ 1، 3 އަދި ވިލިމާލޭގަ އެވެ. އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބީއެމްއެލް އިން އަޅާ ޖުމްލަ 3،260 ފްލެޓުގެ ބިންގާ ވަނީ އަޅައިފަ އެވެ.
މި ހަފްތާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ބީއެމްއެލްގެ މަޝްރޫއަށް 710 ފްލެޓު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ މަސައްކަތް ކުރެވޭ ވަރަށް ބީއެމްއެލްގެ ގާބިލުކަން ހުރުމުން ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.
އެ ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.