އިމާރާތްކުރަން ލޯނު ނެގުމަށްޓަކައި ބޭންކްތަކަށް ދައްކަން ޖެހޭ އިކުއިޓީ ސަރުކާރުން ހިލޭ ދޫކުރާ ސްކީމަށް މިއަހަރު ފަހުކޮޅު ހުޅުވާލާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގަައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ ހައްލުކުރަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގައި ފުއްދަވަނީ ހަމައެކަނި އަޅާ އިމާރާތަކުން ނޫން ކަމަށާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް މެދުވެރިކޮށް ދޫކުރާ އެފޯޑަބުލް ލޯނު މިހާރު ވެސް ދޫކުރަމުން އަންނަ ކަމަށެވެ. ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ އެ ލޯނު މިހާރު ވެސް ގިނަ ބަޔަކަށް ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިކުއިޓީ ދޭން މިއަހަރު ފަހުކޮޅު ފަށާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މާ ފުޅާ ސްކީމެކެވެ.
"މިއަހަރު ފަހުކޮޅު އަޅުގަނޑުމެން މި ހުޅުވާލަނީ އިރާދަކުރެއްވިއްޔާ އެއަށް ވުރެ [އެފޯޑަބަލް ލޯން ސްކީމަށް ވުރެ] މާ ފުޅާ ސްކީމެއް، އިކުއިޓީ ފައިނޭންސް، ސަރުކާރުގެ މި ފަންޑުގެ ތެރެއިން ފޯރުކޮށްދިނުމުގެ ސްކީމެއް. އިކުއިޓީ ފައިނޭންސް މިދެނީ ކޮންމެ މީހަކަށް ވަކި އަދަދެއް،" ރައީސް ވިދާޅުވި އެވެ.
އާއިލާ ތެރޭގައި އެންމެން އެއްވެގެން މިސާލަކަށް، އެ ގޭގެ ފައިނޭންސަށް ބޭނުންވާ، އިކުއިޓީއަށް ބޭނުންވާ ކޮމްޕޯނަންޓް ހަމަކުރުމަށް ސަރުކާރުން މިދެނީ އަނބުރާ ދައްކަން ނުޖެހޭ ވަކި އަދަދެއްގެ ފައިސާ
އެމަނިކުފާނު ވިދާޅުވީ އެ ސްކީމްގެ ތަފްސީލު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ދެއްވާނެ ކަމަށެވެ.
"އާއިލާ ތެރޭގައި އެންމެން އެއްވެގެން މިސާލަކަށް، އެ ގޭގެ ފައިނޭންސަށް ބޭނުންވާ، އިކުއިޓީއަށް ބޭނުންވާ ކޮމްޕޯނަންޓް ހަމަކުރުމަށް ސަރުކާރުން މިދެނީ، އަނބުރާ ދައްކަން ނުޖެހޭ ވަކި އަދަދެއްގެ ފައިސާ،" ރައީސް ވިދާޅުވި އެވެ.
ގެއެއް ހަދަން ނުވަތަ އެޕާޓްމަންޓެއް ގަންނަން ދޫކުރާ ހައުސިން ލޯނުތަކުގެ އިކުއިޓީއަކީ ކުރިން 10 ޕަސެންޓެވެ. ބީއެމްއެލް އިން މިހާރު ވަނީ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކޮށްފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަލަށް ތައާރަފްކުރާ ސްކީމްގައި ސަރުކާރުން ދޭނީ އެ ފަސް ޕަސެންޓަށްވާ ފައިސާ އެވެ.
އެމަނިކުފާނު މިއަދު ވެސް ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އަޅާ ފްލެޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މީހުން ވަންނާނެ ކަމަށެވެ.