ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކުރީގެ ވައިސް ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިރޭ އައްޔަން ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ހުވާ ކުރެއްވުމަށް ފަހު ކެބިނެޓާއި ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ.

އެގޮތުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މިރޭ އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމެވެ. އޭނާއަކީ ސިފައިންގެ ހިދުމަތުގައި 37 އަހަރު ހޭދަ ކުރެއްވި ބޭފުޅެކެވެ.

ހިދުމަތުން ރިޓަޔާ ކުރެއްވުމުގެ ވިސްނެވުން އަބްދުއްރަހީމް ގެންގުޅުއްވި ނަމަވެސް ފަހުން މަގާމުގައި ދެމިހުންނެވީ އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރައްވާނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސެވެ. ޗީފް އޮފް ޑިފެންސް ފޯސްއަކީ އެމްއެންޑީއެފް ހިންގުމުގެ އެންމެ އިސް ފަރާތެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލެވެ.