ދިވެހި ދިދަ: ވަޒީރުންގެ ގެކޮޅާއި ކާރުގައި ވެސް ދިދަ ނަގާފައި ބަހައްޓަންޖެހޭ ގޮތަށް ރައީސް ވަނީ ނިންމަވާފައި.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 ނޮވެމްބަރ 2023 - 21:26
ވަޒީރުންގެ ގެ އާއި އެ ބޭފުޅުން ބޭނުންކުރައްވާ ކާރުތަކުގައި ވެސް ދިވެހި ދިދަ ހަރުކޮށްފައި ބަހައްޓަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބުކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބަހައްޓަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަކުރެއްވުމަކީ ރައީސްގެ ތަގުރީރުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ނުކުތާ ކަމަށެވެ.
"އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނޭ،" އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ދިދައަކީ ދިވެހިވަންތަކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއް ނިޝާން ކަމަށްވާތީ ވަޒީރުންގެ ގެ އާއި އެ ބޭފުޅުންގެ ކާރުގައި ވެސް ދިވެހި ދިދަ ވިހުރިވިހުރި ހުންނަން ޖެހޭ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ދިވެހި ދިދަ ބޭނުންކުރެވޭ މިންވަރު އިތުރުކޮށް ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
"މި ހުރިހާ ނިންމުންތަކެއްގެ މަގްސަދަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން. އަދި އޭގެ ތެރެއިން އަޅުގަނޑުމެންގެ ގައުމިއްޔަތު ދިރުވާ އާލާކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަ ޝަހުސިއްހަތު ކުރިއަށް ނެރެ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުން."
މީގެ އަހަރުތަކެއް ކުރިން، ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނަގައި ހަމަ އެ ދުވަހުގެ ހަވީރު 6 ޖަހާއިރު ދިދަ ތިރިކުރެ އެވެ. އެކަމަކު، ސަރުކާރުގެ އޮފީސްތަކުގައި 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަން ނިންމާފައި މިވަނީ ދިދަ ނެގުމުގެ ސަގާފަތް އުވި ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވާތާ ދުވަސްތަކެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުބބ
20 November 2023
މީ ހާދަ ގޮތްބޮޑު ވަޒީރު ފައްޗެކޭ
ހުރިހައި ގެއެއްގައި ނެގިއްޔާ މާފުރިހަމަވާނެ
20 November 2023
ދިދިއަށް އިޚުތިރާމް ކުރުމުގެ ގޮތުން ވީހައިވެސް ގިނަ ގެއެއްގައި ދިދަ ނަގާފައި ބަހައްޓާނަމަ އަދި މާފުރިހަމަ ވާނެއެވެ. އޭރުން ދިދަ ފެންނަލެއް ގިނަވާނެ އެވެ.
ފާސިހް
20 November 2023
މިފެންނަނީ ގައުމީ މީހުން ހޮވީމަ ފެންނަ ރަނގަޅު ކަންކަން. އުފާވެރި
އަޔާޒް.
20 November 2023
މިއީ ރަނގަޅު ގައުމީ ވެރިންނަކީ
ނާފިއު އަލީ
20 November 2023
މުއިޒް މިއީ ހާދަ ގައުމީ ބޭފުޅެކޭ.
ނާއިފް ޝައުކަތް
20 November 2023
މިއީ ވަރަށް ރަނގަޅު ކަމެއް. ގައުމުގަ މިކަހަލަ ކަންކަމަށް އިހްތިރާމް ކުރާ ތަނެއް ނުފެނޭ.
މަހާޒް
20 November 2023
ވަރަށް ރަނގަޅު ނިންމުމެއް. ސާބަސް ރައީސް
ނުރަބޯ.
20 November 2023
ނަގާ ދިދައަކުން ގައުމިއްޔަތު ދިރުވޭތޯއެވެ. ގައުމިއްޔަތު ދިރުވޭނީ ގައުމެއް ދެމިއޮތުމަށް ބޭނުންވާ އަސާސްތައް ދިރުވައިގެންނެވެ. އަގުކުރެވިގެންނެވެ. ބޭރުގެ ޔުނިވަރސިޓީތަކުން ކިއަވައިގެން އަންނަ ފަރާތްތަކުން ދީނާއި ގައުމިއްޔަތަށް އަތްނުބޭނޭގޮތް ހަދައިގެންނެވެ.
ނައުރާޝް
20 November 2023
ގައުމިއްޔަތު ދިރުވަން ރައީސް އެއްފެއްޓެވި ފެއްޓުން ވަރަށް ފުރިހަމަ
ސީތާ
20 November 2023
ވަޒީރުންގެ ގެއާއި ކާރުގައި އެކަންޏެއްނޫން ދިދަ ނަގަންވީކީ. ދިދަ ނަަގަން ބޭނުން ކޮންމެ މީހަކަށްވެސް އެ މިނިވަންކަންދޭންވީ. ސަބަބަކީ ދިދައަކީ މިނިވަން ކަމާއި ބާރު އޮތްކަން ދައްކުވައިދޭ ރަމްޒެއް.