މިދިޔަ ސަރުކާރުން ދޫކުރި ފްލެޓްތަކާ ބެހޭ ގޮތުން ކޮށްފައިވާ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ކަންކަން ބަލައި ރިވިއުކުރަން ނިންމާފައިވާ ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި، މިނިސްޓަރުގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދު ދޫކޮށްފައިވާ ފްލެޓްތައް ދީފައި ވަނީ ހައްގުވެރިންނަށްތޯ ބަލާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމަށް ފަހު ފްލެޓާއި ގޯތި ދޫކުރުން މަޑުޖައްސާލަން އެދިވަޑައިގަތުމުން ވެސް ދީފައިވާ ބިމާއި ފްލެޓުގެ ކަންކަމަށް މި ސަރުކާރުން އިހުތިރާމު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓްތަކުގެ މައްސަލާގައި އޭސީސީގެ ލަފަޔަކަށް ބައްލަވާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ އެންމެ ފުރަތަމަ ބުރާ ހަމަ އަށް ދޫކުރި ފްލެޓްތައް، އެ ފްލެޓްތަކަށް ރައީސުލްޖުމްހޫރިއްޔާ [ޑރ. މުއިއްޒު] ވިދާޅުވަނީ ތިމަންނަ އެއްވެސް ކަހަލަ ބަދަލެއް ނުގެންނާނަމޭ. އެއީ ތިމަންނަ ކޮށްފައި އޮތް ވައުދެކޭ، އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ވައުދު ވެވަޑައިގެންފައި އޮތީ އެއްވެސް މީހަކަށް ލިބޭ ފްލެޓެއް ނުވަތަ ބިމެއް ނާތުލާނަމޭ. އެހެންވީމަ އެ ކަންތައް އެގޮތަށް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި ދޫކޮށްފައި ހުރި ފްލެޓްތައް އެ ފްލެޓްތައް އަޅުގަނޑުމެން ރިވިއުކުރާނަން ލިބިފައި ތިބީ ހައްގު ބަޔަކަށްތޯ، ނޫންތޯ. ދެން ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު، އޭރުގެ ސަރުކާރަށް އިލްތިމާސްކުރެއްވި އެހާ ތަނުން އެއްވެސް ބިމެއް ނޫނީ ފްލެޓެއް ދޫކުރުން މަޑުޖައްސާލަން... އެހެންވީމާ އެ ހިސާބުން ދޫކޮށްފައި ހުރި ބިމެއް ނުވަތަ ފްލެޓަކަށް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމު ކުރާކަށެއް."

ކުރީ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ނަމަވެސް ވެރިކަން ނިމުމުގެ ކުރިން، އޭގެ ތެރެއިން ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މިކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި ނަމަވެސް އެ ޝަކުވާތަކުގައި ލިސްޓަށް ބަދަލެއް އަންނަ ވަރުގެ ކަމެއް ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.

ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު، އޭރުގެ ސަރުކާރަށް އިލްތިމާސްކުރެއްވި އެހާ ތަނުން އެއްވެސް ބިމެއް ނޫނީ ފްލެޓެއް ދޫކުރުން މަޑުޖައްސާލަން... އެހެންވީމާ އެ ހިސާބުން ދޫކޮށްފައި ހުރި ބިމެއް ނުވަތަ ފްލެޓަކަށް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމު ކުރާކަށެއް: ހައުސިން މިނިސްޓަރު

ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުން ހުއްޓާލަން އޭސީސީން އެންގި ފަހުން ވެސް ކުރީ ސަރުކާރުން ވަނީ އެކަން ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ފަހުން ވަނީ މަސައްކަތް ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

ޑރ. ހައިދަރު ވިދާޅުވި ގޮތުގައި ބިން ނެތި ވެސް ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށާއި ބިން ނެތި ގޯތީގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް ގާނޫނުގައި އެބަ އޮތް ކަމަށެވެ. އެހެންވެ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އޭގެ ވެލިޑިޓީއާ ގުޅޭ ގޮތުން ޖެހޭ ގާނޫނީ ލަފައެއް ހޯދަން،" މިިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގޯތި ދޭން ހުރީ "ގޮޅިތަކެއް ކުރަހާފައި" ކަމަށާއި އެހެންވެ މިހާރު ރަޖިސްޓްރީ ދީފައިވާ ގޮތަށް، އެ ސައިޒުގައި ގޯތި ދޭން ބަލާއިރު މިހާރު ދީފައި ހުރި ލޮކޭޝަންތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ހައުސިން މިނިސްޓަރު މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ އޭރުގެ ސަރުކާރުން، ސިޔާސީ ވިސްނުމެއްގައި ވިޔަސް، އެއްވެސް ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ ކަމަށެވެ.

"އެއީ ގޯތި ވިޔަސް، ފްލެޓް ވިޔަސް، ސިޔާސީ ވަޒީފާތައް ފިޔަވައި އެހެން ހުރިހާ ވަޒީފާތައް ވިޔަސް، ބޮޑުކުރާނެ ކަމަށް ބުނި މުސާރައެއް ވިޔަސް، ދޭނެ ކަމަށް ބުނި ލޯނެއް ކަމަށް ވިޔަސް ފަށާފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް، ފަށާފައި ހުއްޓާލާފައި ފަށަން ނޭނގިފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް، މި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަމޭ،" ކެމްޕެއިންގައި ރައީސް ވިދާޅުވެފައިވެ އެވެ.

ދޭން ނިންމި އެއްވެސް އެއްޗެއް ބަދަލު ނުކުރައްވާނެ ކަމަށާއި އޭގެ ބަދަލުގައި އިތުރު ފަރާތްތަކަށް ވެސް އިތުރު ލުއިތަކާއި ފަސޭހަތަކާއި އިތުރު ކަންކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށާއި "ދިން އެއްޗެއް އަތުލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން" ކަމަށް އޭރު ވިދާޅުވި އެވެ.

"އެ ވެދާނެ ގޯސްކޮށް ދީފައިވާ އެއްޗަކަށް ވެސް. ސަރުކާރަކުން ނޫންތޯ އެ ކަމެއް ކޮށްދެނީ." އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭ މުއިއްޒު ވިދާޅުވެފައިވެ އެވެ.