އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ އިނގިރޭސި ވިލާތުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމީލާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއާއެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މީގެ އިތުރުން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި ސޮބާހު ރަޝީދާ އެކު ވެސް ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އުމަރު ލަންޑަނަށް ވަޑައިގަތީ މިިދިޔަ އާދިއްތަދުވަހުގަ އެވެ. އެ ބައްދަލުވުމަށް ފަހު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ހާއްސަކޮށް އުމަރު ހައްދަވާފައިވާ ޕަބްލިކް ވައިބަ ޗެޓް ގްރޫޕުގައި ވިދާޅުވީ ޔޫކޭގައި ތިއްބެވި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވައި ވަރަށް ބިނާ ކުރުވަނިވި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހުރި މައްސަލަަތަކާ ގުޅޭގޮތުން ވެސް ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އުމަރު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވެސް ކުރިން މަޝްވަރާ ކުރައްވައިފަ އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ހައްލުނުވެ، ކޯޓަށް ހުށަހެޅުމުން، ޕާޓީގެ ރައީސް މައުމޫން އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ވަނީ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އަދި ޕީޕީއެމް ދެބައިވުމާއެކު އުމަރު ވަޑައިގެންނެވީ މައުމޫންގެ ފަޅިއަށެވެ. ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޔާމީނަށް، މައުމޫނާ ނުލައި ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނާ ކޯލިޝަން ހަދާނެ ބަޔަކު މިހާރު ރާއްޖޭގައި ނެތް ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަމަށް އާދެވެނީ ވެސް މިހާރު ވަރަށް ބޮޑު ކޯލިޝަންއެއްގެ ތެރެއިން ކަމަށެވެ.