ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މެމްބަރަކަށް ހަމަޖައްސަން ނިންމި، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ހަސަން މުޣުނީ އެ ބޯޑަށް ނުނަގަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "މިހާރު" އަށް ވިދާޅުވީ ދައުލަތުގެ އެހެން ތަނެއްގައި ހިދުމަތް ކުރެއްވުމަށް މުޣުނީ އަށް ފުރުސަތު އޮތުމުން ޕީސީބީގެ ބޯޑަށް ހުށަހެޅި މެމްބަރުންގެ ލިސްޓުން އޭނާގެ ނަން އުނިކުރަން ސަރުކާރުން ނިންމީ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން އާންމުކުރައްވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީ އަށް މުޣުނީ އައްޔަންކުރަން ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، ޕީސީބީން މިއަދު ހިއްސާކުރި އާ ބޯޑު މެމްބަރުންގެ ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ.
މިދިޔަ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި މުޣުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ތެރޭގަ އެވެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގަ އެވެ.
މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގައި ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް ހަތް މެމްބަރުން ތިއްބަވަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖެއްސުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައި ވަނީ ޕީސީބީއާ އެވެ. މި ސަރުކާރު ވެރިކަމަށް އައިރު އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެ އެވެ. ބޯޑަށް މެންބަރުން ހަމަކުރުމާ އެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ.