މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މީގެކުރިން ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި 77 އިންޑިއާ ސިފައިންނެވެ.
ނަމަވެސް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކަ އެވެ.
"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ޓެކްނިކަލް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ދުބާއީގައި ބޭއްވި މޫސުމާ ބެހޭ ސަމިޓް، ކޮޕް28ގެ ހަވާސާގެ ތެރެއިން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އިންޑިއާއިން ރާއްޖޭގައި ތިބި ސިފައިން ގެންދަން އެއްބަސްވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިހާތަނަށް އިންޑިއާގެ ސަރުކާރުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިންމުމަށް އިންޑިއާއިން އިހްތިރާމް ކުރާކަން ބޮޑުވަޒީރާ އެކު ބޭއްވި ބައްދަލުވުމުގައި އެ ގައުމުން ބުނެފައިވާ ކަމަށާއި އަދި ރާއްޖޭގެ ހަމަޖެހުމަކީ މި ސަރަހައްދުގެ ހަމަޖެހުންކަން ވެސް ގަބޫލުކުރާ ކަމަށް އެ ގައުމުން ބުނި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑު ވަޒީރާ އެކު ބޭއްވި ބައްދަލުވުމުގެ ކުރިން ބޭއްވި ދަށު ލެވެލްގެ އެހެން ހަތަރު ބައްދަލުވުމެއްގައި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން މާބޮޑަށް ތަފްސީލްކޮށް މަޝްވަރާ ކުރެވުނު ކަމަށާއި އެ ބައްދަލުވުންތަކުގައި އިންޑިއާ ސިފައިން ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސްގެ 100 ދުވަހުގެ ވައުދެކެވެ. ރައީސްގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު އެތައް ސަތޭކަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުން "އިންޑިއާ އައުޓް" ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އަދި އެކަމާ ދެކޮޅަށް އޭރުގެ ސަރުކާރުން ވެސް މަސައްކަތްކޮށް، ކެމްޕެއިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ.