މަޝްހޫރު ދިވެހި އާޓިސްޓް އަފްޒަލް ޝާފިއުގެ 56 ވަނަ ސޯލޯ މައުރަޒުން ފެންނަން ހުރީ ސިނކުޑީގެ ހަލަބޮޮލިކަމާއި އަމިއްލަ މީހާގެ ކޮންޓްރޯލާ ދެމެދުގައި ހިނގާ ކަންކަމެވެ. އިހުސާސްތަކާއި ނަފްސާނީ އެކި ކަންކަމުގެ ތެރެއަށް ވަދެވިގެން ގޮޮސް މިކަންކަމަށް ހޭލުންތެރި ކުރުވާ ވާހަކަތަކެއް މީގެ ކޮންމެ ކުރެހުމެއްގައިވެ އެވެ.

ފައިން އާޓްސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ އަފޫގެ ކުރެހުންތައް މީގެ ކުރިން ބޭރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދައްކާލާފައިވެ އެވެ. "ނަފްސު" ގެ ނަން ދީފައިވާ މިފަހަރުގެ މައުރަޒުން ފެންނަން އެ ހުރީ ތިން އަހަރުގެ މަސަތްކަތްތަކެވެ. ކޮވިޑްގެ ނާމާން ދުވަސްވަރުގެ ތެރޭގައި ގިނަ ބައެއްގެ ނަފްސާނީ މައްސަލަތައް އިތުރުވަމުން ދިޔަ ދަނޑިވަޅުގައި އަފޫގެ އެކުވެރިއަކަށްވީ މި ކުރެހުންތަކެވެ. އަދި އެހެން މީހުންގެ ނަފްސާނީ މައްސަލަތަކަށް ލޯ ހުޅުވުނެވެ. "ޓްރެޑިޝަނަލް" ކުރެހުމުގެ ސްޓައިލާ ދުރަށް ޖެހިލައި ވިޝުއަލީ ފެންނަން ހުރި ކަންކަމުގެ އިތުރުން ސައިކޮލޮޖިކަލް އަދި އަމިއްލަޔަށް އިހުސާސްކުރެވޭ ގޮތްތަކަށް ބޮޑަށް އިސްްކަންދީ މި ކުރެހުންތައް ތައްޔާރުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ތެރޭ ހިމެނޭ އެތައް ހަރުފަތެއްގެ ފެނިގެންދެ އެވެ.

ގެލެރީއަށް ވަނުމާ އެކު މީހާގެ މޫޑު އެކޮށް ބަދަލުކޮށްލަ އެވެ. ކުރެހުންތަކުގައި ބޭނުންކޮޮށްފައި ހުރި ޓެކްސްޗާތަކާއި ކުލަތަކުގެ އިތުރުން ޖަހާފައި ހުރި މިއުޒިކު ހުރީ މިކަމަށް ހާއްސަކޮށްފަ އެވެ. އަރްމޭނިއާގެ މިއުޝަނެއް ކަމުގައިވާ ޕްރޮފެސަ ގެވޯގް ދަބަގްޔަންގެ ހިތްގައިމު މިއުޒިކްގެ އަޑު އަފޫގެ އާޓްގެ ތެރެއަށް ބެލުންތެރިންގެ އިހުސާސްތަކާއި ސިކުނޑި ވައްދާލާން ފުރިހަމައަށް އެހީވެދެ އެވެ.

ބޮޑެތި ކެންވަސްތަކުގެ އިތުރުން ތަފާތު ބައްޓަންތަކަކަށް ހުރި ސްކަލްޕްޗާ ތަކެއް ގައުމީ އާޓްގެލެރީގެ މެދުގައި އެލުވާލާފައި ހުއްޓެވެ. އަފޫ ބުނި ގޮތުގައި މިއީ ސިކުނޑިއަށް އައި ހިޔާލުތައް އޭގެ އެންމެ ތާޒާ އަދި "ރޯ" ގޮތުގައި ލޮލަށް ދައްކާލަދޭން ކޮށްފައިވާ މަސަތްކަތެކެވެ. މި ސްކަލްޕާތައް ތްރީޑީކޮށް އެނިމޭޓުވާތަން ބަލައިލަން ބޭނުން މީހަކު ސްކޭން ކޮށްލާނެ ކިއު އާރް ކޯޯޑެއް ކައިރީގައި ފެންނަން ހުއްޓެވެ.

ނަފްސާނީ މައްސަލަތަކަށް ހޭލުންތެރިކުރުވާ މި ކަންކަން ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވޭ އެކި ކަހަލަ ޓެކްނީކްތަކަށް ލޯ ހުޅުވާލަދިނުމަށް މައުލޫމާތު ފޯރުކޮޮށްދީ މި މައުރަޒު އިތުރަށް ފުރިހަމަަ ކޮޮށްދިނީ އައިޖީއެމްއެޗްގެ ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ޝަނޫހާ މަންސޫރު އާއި ޑރ. އާރިފް މުހައްމަދެވެ.

އަފޫގެ މި މަައުރަޒުގެ ފުރިހަމަކަން ބަލައިލަން ބޭނުންވާ ހުރިހާ އެންމެނަށް މި އާދިއްތަ ދުވަހުގެ ނިޔަލަށް ގައުމީ އާޓް ގެލެރީގައި ހިލޭ ވަދެވޭގޮތަށް ހަމަޖެހިފައިވެ އެވެ.