މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކާ މީހަކު، އިތުރު މީހުންގެ އަތުން ފައިސާ ހޯދާފައިވޭތޯ ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ގ. ސިނަމާލެ 01 05-13 ޒައިދާން މުހައްމަދު ހާޝިމް، ބަންދު ކުރަން މިދިޔަ އަހަރުގެ އޭޕްރީލްގައި ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ.

އެ މައްސަލައިގައި 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މުއްދަތު ދިން، 26 އަހަރުގެ ޒައިދާން އެފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެ އަމުރުގައިވެ އެވެ. އޭނާ އަކީ ކުށުގެ ރިކޯޑް ވެސް އޮތް މީހެކެވެ.

އޭނަ އަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އިތުރު އެއްވެސް މީހެއްގެ އަތުން ޒައިދާން ފައިސާ ނަގާފައިވާ ނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

ޒައިދާން، މީހުން އަތުން ފައިސާ ނަގާފައިވޭތޯ ފުލުހުން ބަލަމުން ދާއިރު، ފުލުހުން ކޯޓުގައި ބުނީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ހާޑްވެއާ ފިހާރައެއް ކަމަށްވާ "ހޯމްވޯކް" އިން، އޭނާ ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައިވާ ކަމަށެވެ.

އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައި އާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.