ސްޓާ ވޯސްގެ ކެރެކްޓާ ދަ މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަން ނިންމައިފި އެވެ.
ސްޓާ ވޯސް އިން އިއްޔެ ސޯޝަލް މީޑިއާގައި އިއުލާންކުރި ގޮތުގައި، ޖޮން ފަވްރެއޯ ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާއާ އެކު ކެތުލީން ކެނެޑީ އަދި ޑޭވް ފިލޯނީ އެވެ. އަދި މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް މި އަހަރު ފަށާނެ އެވެ.
"ޖޯޖް ލޫކަސް [ސްޓާ ވޯސްގެ ކްރިއޭޓާ] އުފެއްދި މުއްސަނދި ދުނިޔޭގައި ސެޓްކޮށްފައިވާ ވާހަކަތައް ކިޔައިދިނުމަށް އަހަރެން ވަރަށް ލޯބިކުރިން،" ފަވްރެއޯ ބުންޏެވެ.
"މެންޑަލޯރިއަން އާއި އޭނާގެ އެޕްރެންޓިސް ގްރޮގޫ ބޮޑު ސްކްރީނަށް ގެނައުމަށް މި ހުރީ ކެތްމަދުވެފައި."
ދަ މެންޑަލޯރިއަންގެ ފިލްމެއް ބޮޑު ސްކްރީނަށް ގެންނައިރު، އެ ކެރެކްޓާ އަށް ބިނާކޮށް ތިން ސީޒަންގެ ވެބް ސީރީޒެއް 2019 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ގެނެސްދީފައިވެ އެވެ. އެ ސީރީޒަށް ގިނަ ބައެއް ތަރުހީބާއި ލޯބި ލިބުނެވެ.
ސްޓާ ވޯސްގެ މެންޑަލޯރިއަންގެ ރޯލު ކުޅެނީ ޕެޑްރޯ ޕަސްކަލް އެވެ.