ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކުރި ކަމަށާއި އެ ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެ ބައެއް މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމައިފި އެވެ.

އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވިދާޅުވީ، ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

އެނގިފައިވާ ލިބިފައިވާ ގޮތުގައި އެންމެ ގިނަ މީހުންނަށް ސިޓީ ފޮނުވާފައިވަނީ އެ ސަބަބު ބަޔާންކުރުމަށް ފަހު، އެވެ. އެގޮތަށް ބަޔާންކޮށް ސިޓީ ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ޕްރައިމަރީ އަށް ޕީއެންސީއާ ގުޅުނު މީހުންނާއި ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީއާ ގުޅުނު މީހުންނެވެ.

އެހެން ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހި، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. އެގޮތަށް ސިޓީ ފޮނުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމާ ފެއަށް ޖެހިވަޑައިގެންނެވިއިރު، އެ މަނިކުފާނާ އެކު ތިއްބަވައި ފަހުން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި މީހުންނަށެވެ.

ޕްރައިމަރީން ފުރުސަތު ނުދޭން ނިންމީ ކިތައް ކެންޑިޑޭޓުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕީއެންސީ ބައެއް މީހުންނަށް ޕްރައިމަރީގެ ފުރުސަތު ނުދޭން ނިންމިއިރު، ޕްރައިމަރީގައި ވާދަކުރާ މީހުންނާ އެކު ވަރަށް ގިނަ އާންމު މެންބަރުން ވެސް އެ ޕާޓީއާ ގުޅިފައިވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރިއިރު 6،000 މެންބަރުންގެ ދަފުތަރެއް އޮތް، ޕީއެންސީގެ މެންބަރުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީއެންސީން ވަނީ ހަރުކަށި ޝަރުތުތަކެއް މަތިކޮށް، ޓިކެޓް ދިނުމުގައި އެ ކަންކަމަށް ބަލާނެކަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި އަބުރުވެރި، ނަޒާހަތްތެރި މީހަކަށް ވުމާއި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ ވަރާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ ވަރު އަދި ޕާޓީ އަށް ހިދުމަތް ކޮށްފައިވާ ވަރު ބެލުން ހިމެނެ އެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް ބައެެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމުމާ އެކު އެމީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ނިންމުން ރިވިއު ކުރަން ހުށަހަޅަން ވެސް ބައެއް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.