ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ބައެއް ވޯޓުލާ މަރުކަޒުތަކުގައި މައްސަލަ ބޮޑުވެ ހަމަނުޖެހުން ހިނގައިފި އެވެ.

މައްސަލަ ޖެހިފައިވަނީ ހެންވޭރުގެ ދާއިރާތަކުގެ ފޮށިތަކުގަ އެވެ. ކަލާފާނު ސްކޫލްގައި ބަހައްޓާފައި ހުރި ހެންވޭރު ދެކުނު އަދި ހެންވޭރު މެދު ދާއިރާގެ ވޯޓުލާ މަރުކަޒުގައި މީހުން އެއްވެ، ގަޔަށް އަތްލައި ޒުވާބު ހިނގާފައިވެ އެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ވޯޓުލާން ބަހައްޓާފައިހުރި ފޮއްޓެއް ވަނީ އެއްލާލައިފަ އެވެ. އެ މަރުކަޒުގެ ހަމަނުޖެހުން ބޮޑުވުމުން ފުލުހުން ވެސް ވަނީ އެކަމަށް އެޓެންޑްވެފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވޯޓުލާ ލިސްޓުގެ ޝަކުވާ ބޮޑު ބައެއް ފޮށިތައް ކައިރީގައި ވަނީ ހަމަނުޖެހުން ހިނގާފައި.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވޯޓުލާ ލިސްޓުގެ ޝަކުވާ ބޮޑު ބައެއް ފޮށިތައް ކައިރީގައި ވަނީ ހަމަނުޖެހުން ހިނގާފައި.

ދެ ފޮށީގައި މައްސަލަ ބޮޑުވީ ކުރިން ވޯޓުލާ ލިސްޓްގައި ނަން އޮތް ބައެއް މީހުންގެ ނަންތައް އެންމެ ފަހު ވަގުތު އުނިކޮށްފައިވާ ކަމަށް ބުނެ އެވެ.

ޕީއެންސީން ބުނި ގޮތުގައި ބައެއް ވޯޓުލާ މަރުކަޒުތަކުގައި މައްސަލަތައް ޖެހުމުން ވޯޓުލުން މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާރު ހުރިހާ މަރުކަޒެއްގައި ވޯޓުލުން ކުރިއަށް އެބަދެ އެވެ.

މާލޭގައި ހަމަނުޖެހުން ހިންގި ނަމަވެސް، ރަށްރަށުގައި ޕްރައިމަރީގެ ވޯޓުލުން އަދި މިހާތަނަށް ކުރިއަށް ދަނީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.

އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 10:00ގަ އެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު
ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމުން ބުނި ގޮތުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ބުނީ މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކެންޑިޑޭޓުން އެއްބަސްވާ ތަނެއްގަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތި ދާއިރާތަކުން 13 ބޭފުޅަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ މީދޫ ދާއިރާއަށް ޕީއެންސީން ވާދަނުކުރަން ވަނީ ނިންމައިފަ އެވެ.