އައްޑޫގެ ދާއިރާތަކަށް އެއްބަޔަކު ހޮވައިގެން އުޅޭތާ އެތައް ޒަމާނެއްވި ޔަސް ރައްޔިތުންގެ އުއްމީދުތައް ހާސިލް ނުވި ކަމަށާއި އެހެންވެ، މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ބަދަލު ގެންނަންޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އަޒާން މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީއެންސީ އިން އައްޑޫ ހިތަދޫ ހައި ސްކޫލުގައި ބޭއްވި ޖަގަހަ ޖަލްސާގައި ނޫސްވެރިޔާ އަޒާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެއްބަޔަކު ހޮވިޔަސް އޭގެ ސަބަބުން އައްޑު އަށް މިހާތަނަށް ކުރިއެރުމެއް ނުލިބުނު ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮންމެ އިންތިހާބެއްގައި ވެސް އައްޑޫގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތެއް ދެނީ އެމްޑީޕީއަށެވެ. އައްޑޫ ސިޓީ ކައުންސިލް ވެސް ކޮންޓްރޯލް ކުރަނީ ހަމަ އެމްޑީޕީ އެވެ. އެކަމަކު އެމްޑީޕީގެ ވެރިކަމެއް އެންމެ ފަހުން ވެސް އޮވެމެ، އެ ވެރިކަމުގައި ވެސް އައްޑު އަށް ތަަރައްގީ ލިބިފައި ނެތުމުން އެކަމުގެ ކަންބޮޑުވުން އަޒާން ފާޅުކުރެއްވި އެވެ.
އެ ވެރިކަމުގައި ވެސް ދެއްކީ އައްޑޫ ތަރައްގީ ނުވެ، މުޅި ރާއްޖެ ތަރައްގީ ނުވާނެ ވާހަކަ އެވެ.
"އެއްބަޔަކު ހޮވައިގެން ތަރައްގީ ލިބިދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރާތާ އެތައް އަހަރެއްވީ. ފަނަރަ އަހަރު ވެއްޖެއޭ. ވަރުބަލި ވެއްޖެއޭ، ވީ ކަމެއް ނެތޭ،" އައްޑޫގެ މީހުންގެ ޝުއޫރު ހުރި ގޮތަށް އަލިއަޅުވާލައްވަމުން އަޒާން ވިދާޅުވި އެވެ.
"ރައްޔިތުންގެ އުއްމީދުތަކެއް ހާސިލެއް ނުކުރެވުނު،"
އަޒާން ވިދާޅުވީ އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ ދީގެން ރައްޔިތުން ފުއްދުންތެރި ބަޔަކަށް ހެދިފައި ނުވާ ކަމަށައި އައްޑޫގައި ތަަރައްގީ ކުރާނެ ކަމަށް ބުނި 8،000 އެނދު ތަރަަައްގީ ނުކުރެވުނު ކަމަށެވެ. އަދި ފަސް މަންޒިލުން ފްލައިޓު ނާންނަ ކަމަށާއި ރިސޯޓު ވެސް ނުހުޅުވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އައްޑޫގެ ރައްޔިތުން ތިބީ ހެޔޮ ބަދަލަކަށް އެދިއެދި ކަމަށް އަޒާން ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިރޭ ވިދާޅުވީ، ތާއަބަދަށް އެމްޑީޕީ އަށް ގޮނޑިތައް ދީގެން އައްޑު އަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. އެހެންވެ، މިއީ ބަދަލުގެ ފަހަރަށް ހަދަން އެ ކެންޑިޑޭޓުން ގޮވައިލެއްވި އެވެ.
ހިތަދޫގެ މެދުދާއިރާގެ ގޮނޑި އަށް އަޒާން ވާދަކުރައްވަނީ އަރާމާއި އިއްޒަތުގެ ބޭނުމުގައި ނޫން ކަމަށާއި މަޖިލީހަށް ކުރިމަތިލައްވާ މައިގަނޑު ސަބަބަކީ ރަށަށް ތަރައްގީ ގެނައުމަށް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ރައީސް މުއިއްޒުގެ ތަރައްގީގެ ވިޝަން ހާސިލް ކުރަން. ސަރުކާރާ ގުޅިގެން އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް،" މި މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ސަބަބާ ގުޅޭ ގޮތުން އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި، ތަރައްގީ ގެނެވޭނީ މި ސަރުކާރާ ގުޅިގެންނެވެ. އެހެންވެ، އެކަމަށް އޭނާ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވުޒާރާތަކަށް ދިއުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަޑައިގަންނަވަން ޖެހުނަސް އެކަމަށް ވެސް ހިތްވަރު ހުންނާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
އެހެންވެ، މި ފަހަރުގެ މަޖިލިސް އިންތިހާބު ވާނީ އައްޑޫގެ ކުރިމަގު ބައްޓަން ކުރަން ލިބޭ މުހިއްމު ފުރުސަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އަށް ފާޑުވިދާޅުވެ، އަޒާން ވިދާޅުވީ އިންތިހާބަކުން ބަލިވުމުން ޖެއްސުން ކުރުމަށް އުޅޭ ބަޔަކަށް ވޯޓު ދިނުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ. ރައީސް މުއިއްޒަކީ ރަނުން ރަނަށް ވައުދުތައް ފުއްދަވާނެ ބޭފުޅެއް ކަމަށާއި ހެޔޮ ބަދަލެއް އައްްޑޫ އަށް ގެނައުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ އެދިވަޑައިގެތެވެ.
ހިތަދޫގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ޕީއެންސީން މިރޭ ބޭއްވި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ދިޔަ އެވެ. އަދި ރައީސް މުއިއްޒަށް މަރުހަބާ ކިޔަން ވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ގިނަ ސަޕޯޓަރުން ދިޔަ އެވެ.