ރާއްޖޭގެ ޓޫރިޒަމް ސިންދަފާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި، އީކޯ ޓޫރިޒަމްގެ މަޝްރޫއުއެއް އެކުލަވާލައި އިފްތިތާހު ކުރަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ މި މަޝްރޫއު އަކީ ޔޫއެސްއެޑްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ރާއްޖޭގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަށް ލިބިފައިވާ ތަންތަން ލިސްޓުކޮށް، އެ ތަންތަނަށް އަމާޒުކޮށްގެން އީކޯ ޓޫރިޒަމް ހިންގާނެ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން، ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން މިންކުރުމަކީ މި މަޝްރޫއުގައި ހިމެނޭ ބައެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން އީކޯ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މުޅި ރާއްޖޭގައި ހާއްސަ ޒޯންތަކެއް މެޕްކޮށް ވަކި ސިޔާސަތުތަކެއް އެކަށައަޅާނެ އެވެ.
"...ގުދުރަތީ ރީތިކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އީކޯ ޓޫރިޒަމް ހިމެނުމުން، ބައިނަލްއަގުވާމީ ޓްރެންޑެއް ކަމަށްވާ، އީކޯ ކޮންޝަސް ޓްރެވަލްގެ ދާއިރާގައި ދިވެހިރާއްޖެ އަކީ ލީޑިން ޑެސްޓިނޭޝަނަކަށް ވެގެންދާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
މި މަޝްރޫއު އިފްތިތާހު ކުރަން މާދަމާ ރޭ ހާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ޓޫރިޒަމް ސިންދަފާތު ކުރުމަށް، އީކޯ ޓޫރިޒަމްގެ އިތުރުން، ސްޕޯޓްސް، މެޑިކަލް، ކަލްޗަރަލް އަދި އެޑިޔުކޭޝަން ޓޫރިޒަމް ތައާރަފު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.