ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި މަސައްކަތް އިތުރު ތިން އަހަރަށް ހަވާލުކުރީ ކުރިން ވެސް އެ މަސައްކަތް ކުރި، ޗައިނާގެ ސީސީސީސީ ކުންފުންޏާ އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި ރާއްޖޭގައި އޭގެ ކެޕޭސިޓީ އިތުރުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށެވެ.

"މި އެއްބަސްވުމަކީ ބްރިޖް މެއިންޓެނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާދެމެދު އޭޕްރީލް 2، 2023 ގައި ވެވުނު އެއްބަސްވުމެއް،" މުއްތަލިބް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ އިން ހިލޭ ކޮށްދިނުމަށްވި އެއްބަސްވުމަށް ފަހު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ އިން ހިލޭ ކޮށްދިނުމަށްވި އެއްބަސްވުމަށް ފަހު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް ބޭނުންވާ ތަމްރީނު ވެސް ދޭނެ ކަމަށެވެ.

"ދިވެހި ޓެކްނިޝަނުން ތައްޔާރުކޮށް ބޭނުންވާ ޓްރެއިނިންތައް ދޭނެ. މި އެއްބަސްވުން ނިމުމުން ބްރިޖުގެ މެއިންޓެނަންސް މަސައްކަތަށް ހަވާލުވެވޭ ފެންވަރަށް ދިވެހިން ބިނާކުރުމާއި ދިވެހިންގެ ބެލުމުގެ ދަށުން މެއިންޓެނަންސްގެ މަސައްކަތް ކުރުމަށް ދިވެހިން ޓްރެއިން ކޮށްދިނުން ހިމެނޭ،" މުއްތަލިބް ވިދާޅުވި އެވެ.

އެ މަސައްކަތަށް ދިވެހިން ޓްރެއިން ކުރާއިރު ހުރިހާ ތަމްރީނެއް ލިބޭނީ ބްރިޖުގައި އެ މަސައްކަތް ކުރާއިރު އެ ތަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ދިވެހިން ތަމްރީން ކުރާ ދާއިރާތައް:

• ރޯޑް އިންޖިނިއަރިން

• ސޭފްޓީ ފެސިލިޓީ، ލޭޑްސްކޭޕިން

• ބްރިޖް މެއިންޓެނަންސް

މިނިސްޓަރު ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން އައި ތިން އަހަރު ކޮންޓްރެކްޓް އާ ނުކުރާ ކަމަށާއި މެއިންޓެނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުގެ މައި ދޮރޯށީގައި ދަބަރު ޖަހާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ސިނަމާލެ ބްރިޖުގެ މައި ދޮރޯށީގައި ދަބަރު ޖަހާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ އެއްބަސްވުމުގެ ދަށުން ކުރާނެ ކަންކަން:

• ފިނިޝިން އަދި ރިޕެއާގެ މަސައްކަތް

• ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތް

• ބްރިޖް މެއިންޓެނަންސް މަސައްކަތް

• ބްރިޖް މެއިންޓެނަންސް މަސައްކަތް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން

• ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމް ކުރުން

• ބްރިޖުގެ އެކިއެކި ކޮމްޕޮނެންޓްސް ތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތް ކުރުން (އޭގެ ތެރޭގައި ކޮންމެ ހަ މަހަކުން ކުރެވޭ މަސައްކަތާއި ކޮންމެ އަހަރަކު ކުރެވޭ މަސައްކަތްތައް ހިމެނޭ)

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ އިން ހިލޭ ކޮށްދިނުމަށްވި އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާ ސަރުކާރުން ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރަށް ޗައިނާ އިން ހިލޭ ކޮށްދިނުމަށްވި އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާ ސަރުކާރުން ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބްރިޖަށް އަރާއިރު ހުންނަ ގިޑިގެ ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ސްޓެލްކޯއާ ހަވާލުކޮށްގެން ވެސް މިދިޔަ އަހަރު ފަހުކޮޅުގައި ވަނީ އެތަން މަރާމާތުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.