ކޫއްޑު އަށް ޖައްސަން އުޅުމުގެ ތެރޭގައި މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ގެއްލުން ވެއްޖެ

ގއ. ކޫއްޑޫ އެއާޕޯޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް މިއަދު ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓަށް ގެއްލުންތަކެއް ވެއްޖެ އެވެ.


މާލެ އިން ފުރައިގެން ކޫއްޑޫ އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ތިރީބައިގައި ބޮޑެތި ކޫރުންތަކެއް ވަނީ އެޅިފަ އެވެ. އެކަމަކު އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މަތިންދާބޯޓުގައި ކޫރުން އެޅުނީ އެއްޗެއްގައި ޖެހިގެން ކަމެއް ނުވަތަ އެ ނޫން ސަބަބެއް މެދުވެރިވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަން މިވަގުތު ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ބަލަންޖެހޭ ހުރިހާ ކަމަކަށް ފަހު ނޫނީ އެ ބޯޓު ދެން ދަތުރު ނުކުރާނެ ކަމުގެ ޔަގީންކަން ނަޝާތު ދެއްވި އެވެ.

"ޕަސިންޖަރަކަށް ގެއްލުމެއް ވެދާނެ ކަމުގެ ކިރިޔާ ވެސް ފުރުސަތެއް އޮވެއްޖިއްޔާ އަޅުގަނޑުމެން އެ ރިސްކެއް ނުނަގާނަން. ބޯޓު ދެން ދަތުރުކުރާނީ ބަލަންޖެހޭ ހުރިހާ ކަމެއް އިންޖިނިއަރުން ބެލުމަށް ފަހު،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯޓުގެ ދަތުރުތައް މެދުކަނޑާލައި، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރުންގެ ޓީމެއް ކޫއްޑޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.