މޯލްޑިވިއަނުން ބުނީ ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް.
މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު: މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ޖުލައި 2025 - 20:02
ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށް، އުސޫލު ހަރުކަށިކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިނަކީ ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ މިންގަނޑުތަކާ އެއްގޮތަށް މި ކަހަލަ އުސޫލެއް ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ އެއާލައިން ކަމަށެވެ.
"މި އެއާލައިނުން އަބަދުވެސް އިސްކުރާނީ ފަސިންޖަރުންގެ ރައްކާތެރިކަން،" އެ ބަޔާނުގައި ބުންޏެވެ.
މޯލްޑިވިއަނުން ބުނީ މި އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް ކަމަށާއި ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.
ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
• ބޯޓަށް އެރުމަށް ފަހު ޕަވަ ބޭންކް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ ސީޓުގެ ޖީބުގައި ނުވަތަ ސީޓުގެ ދަށުގައި.
• ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންއަށް ލުން މަނާވާނެ.
• ބޯޓު ތެރޭގައި ޕަބަ ބޭންކް ބޭނުންކޮށްގެން އެހެން ޑިވައިސްތައް ޗާޖުކުރުމާއި ޕަވަ ބޭންކް ރީ-ޗާޖުކުރުން ވެސް މަނާވާނެ.
• ޕަވަ ބޭންކުގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަކަށް ބާއްވައިގެން ނުވާނެ.
• ދަތުރުކުރާއިރު ގެންދާ ޕަވަ ބޭންކް ވާންޖެހޭނީ އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތޭ އެއްޗަކަށް.
މި އާ އުސޫލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
05 July 2025
ވަރަށް ރަނގަޅު ނިންމުމެއް. އެހާ އިރުކޮޅަކަށް ފޯނަށް ބަލަހައްޓައިގެން ނުތިއްބަސް ރަނގަޅުވާނެ
ޕަވަރ
05 July 2025
ތިކަން ކުރަންވާނީ މޯލްޑިވިއަންގެ ބޯޓުތަކުން ފޯން ޗާޖްކުރެވޭގޮތް ހަދާފައި!
މަނަސް
05 July 2025
ޕަވަރ، ޕަވަރ ޓޮޕްއަޕް ކޮއްގެން ބޯޓައް އެރީމަ ނިމުނީ !
މޫކޭ
04 July 2025
ވަރައް ރަންގަޅު ފިޔަވަޅެއް ! ށަކުވާ ގުރޫޕު އޭތި މީތި ކިޔާނެ. އަހަރެމެން ބޭނުމީ ރައްކާތެރިކަން. ވައްސަލާމް.