"މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއްގެ ގަދަ 16 އަށް ދިޔަ ބައިވެރިންގެ ތެރެއިން ޕިއާނޯގެ ފުރަތަމަ ރައުންޑާ ހަމައިން ކަޓައި، ގާލާ ރައުންޑަށް ހޮވޭ ގަދަ 12 އިން ފުރުސަތު ނުލިބި ދެ ބައިވެރިއަކަށް ރޭ މުބާރާތް ނިންމާލަން ޖެހިއްޖެ އެވެ.
ގާލާ ރައުންޑަށް ފުރުސަތު ނުލިބި ކެޓީ ޝަނީޒާ ޝަރީފާއި މުހައްމަދު ސައްޔާހު އެވެ.
ޝަނީޒާ ރޭ ބުނީ މުބާރާތުން ކަޓައިގެން ދިއުމުން ވަރަށް ދެރަވާނެ ކަމަށާއި އެކުގައި އުޅުނު ބައިވެރިންގެ މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި މުބާރާތުން ކަޓައިގެން ދާން ޖެހުމުން، މި މުބާރާތުގެ ފުރަތަމަ ސީޒަނުގެ ބައިވެރިންގެ އިހުސާސްތައް މިހާރު ވަރަށް ބޮޑަށް ކުރެވެ އެވެ.
"އެއީ ހިތް އަތަށްލުން ކަހަލަ ކަމެއް،" އދ. މާމިގިއްޔަށް ނިސްބަތްވާ ޝަނީޒާ ބުންޏެވެ.
މުބާރާތުން ކެޓި ސައްޔާހު ވެސް ބުނީ މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑާ ހަމައަށް ދަތުރުކޮށްފައި ވަކިވާން ޖެހުމަކީ ހިތްދަތި ކަމެއް ކަމަށެވެ. އަދި އެންމެންގެ މަތިން ވަރަށް ހަނދާން ވާނެ ކަމަށް ވެސް ބުންޏެވެ.
މޯލްޑިވިއަން އައިޑޮލްގައި ކުރިއަށް ދެވޭނީ ޖަޖުންގެ 50 ޕަސަންޓް ވޯޓާއި ބެލުންތެރިންގެ 50 ޕަސަންޓް ވޯޓާ އެކުގަ އެވެ.
ރޭގެ އެލިމިނޭޝަން ޝޯގައި ބައިވެރިން ވަނީ ޑުއެޓް ލަވަތަކެއް ހުށަހަޅައި ދީފަ އެވެ. ޝަނީޒާ އާއި ސައްޔާހު ކަޓައިގެން ދިއުމާ އެކު، ގާލާ ރައުންޑަށް ދިޔަ ފުރަތަމަ ހަ ބައިވެރިން މިވަނީ ކަށަވަރުވެފަ އެވެ.
ގާލާ ރައުންޑަށް ދިޔަ ފުރަތަމަ ހައެއް:
1. ޝަޒާ އަބްދުﷲ ރަޝީދު
2. މުހައްމަދު ތަސްނީމް
3. އިބްރާހީމް ވަހީދު
4. މުހައްމަދު ރީހާން
5. މުހައްމަދު ހަމްދާން
6. އަބްދުﷲ ޝަމްވީލް
އަންނަ ހަފުތާ ބަންދު ނިމިގެންދާ އިރު، އިތުރު ދެ ބައިވެރިއަކު ކަޓައި، ގާލާ ރައުންޑަށްދާ އަނެއް ހަ ބައިވެރިން އެނގިގެން ދާނެ އެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯގެ ތިން ޖަޖުންނަކީ އިސްމާއީލް އައްފާން، މަރިޔަމް އުނޫޝާ (ކިޑީ) އަދި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ.