އެއް އުމުރެއްގެ ހަތަރު ފިރިހެނުން އެކުއެކީގައި ބޮޑުވެގެން އައިއިރު، ފިޓްނަސްއަކީ އެންމެން ވެސް އެންމެ ގަޔާވި އެއް ކަންތަކެވެ. ހާއްސަކޮށް، ގަޑިން ގަޑިއަށް ޖިމަށް ދިއުމާއި، ހަށިގަނޑަށް ބޭނުންވާ އެކި މާއްދާތައް އެކަށީގެންވާ މިންވަރަށް ލިބޭނެހެން ދުޅަހެޔޮކޮށް ކެއުމަކީ ސަމާލުކަން ދިން ކަމެކެވެ. އެހެންވެ، ޕްރޮޓީންގެ ބާވަތްތަކަށް ގޭގައި ވަރަށް ޑިމާންޑް ބޮޑެވެ. ހާއްސަކޮށް، ކުކުޅު ކައްކައިފި ނަމަ ތެލި ހުސްވެ ކޮންމެވެސް ވަރެއްގެ ކޯޅުންތަކެއް ވެސް ގޭގައި ހިނގަ އެވެ.
އެކަމަކު ކޮންމެ ދުވަހަކު ޖިމް ނިންމާފައި އެ ވަރުބަލިކަން މަތީ އަނެއްކާ ބޮޑު ކެއްކުމެއް ކެއްކުމަކީ އެކަކަށް ވެސް ފަސޭހަކަމެއް ނޫނެވެ.
މިއަދު އަހަރެމެންގެ ގޭގެ ދޮރާއި ހިސާބަށް، މެކްރޮ ކަލްކިއުލޭޓްކޮށް، ރަހަ މީރުކޮށް، ބެލެންސްޑް މީލްއެއް ގެނެސްދޭ "ކްލީން ޕްލޭޓް" ގެ ޚިޔާލު މައުރޫފް އިބްރާހިމާއި އޭނާގެ އާއިލާއަށް އައި ހިސާބަކީ މިއީ އެވެ.
ފެށުމަކީ އެތުލެޓިކާ
ކްލީން ޕްލޭޓްގެ ފެށުން ގުޅިފައިވަނީ 2014 ވަނަ އަހަރު ހުޅުވި ސަޕްލިމެންޓް ވިޔަފާރިއެއް ކަމަށްވާ އެތުލެޓިކާއާ އެވެ. ކެއުމުގެ އިތުރުން ކިތަންމެ ކަސްރަތެއް ކުރިއަސް ހަށިގަނޑަށް ބޭނުންވާ ރިކަވަރީ އާއި އެނޫން ވެސް މުހިންމު މާއްދާތައް ހޯދަން އަތުފުނާއަޅައިގެން ވެސް މާލެއިން ރަގަޅު ސަޕްލިމެންޓެއް ހޯދުމަކީ ދަތިކަމެކެވެ. އެހެންވެ ޖެހުނީ، ރައްކާކުރި ފައިސާކޮޅުން، ބޭރުން އޯޑަރުކޮށްގެން ގޭގައި ސްޓޮކް ބަހައްޓައިގެން މި ވިޔަފާރި ފަށާށެވެ. ނަމަވެސް މާލޭގައި މި ތަކެއްޗަށް ޑިމާންޑް އޮތްވަރު ބޮޑުކަމުން ފުރަތަމަ އައުޓްލެޓަކާ ހިސާބަށް މިސްރާބު ޖަހަން ނެގީ އަހަރެއްހާ ދުވަހެވެ. ގާތްގަނޑަކަށް 10 ފޫޓު 12 ފޫޓުގެ ކުޑަކުޑަ ތަންކޮޅެއް ނަމަވެސް، މިއީ ހިތްހަމަޖެހިލައިގެން ކަސްޓަމަރުންނަށް އައިސް ބަލައިލައި ބޭނުންވާ ތަކެތި ފަސޭހައިން ލިބެންހުރި "އަރާމު" ތަންކޮޮޅެކެވެ.
"އެނިމޭޝަން އާ ގްރެފިކްސް ތެރެއިން މުޅިން އާ ކަމެއްގެ ތެރެއަށް ވަދެވުނީ. ވަރަށް ލާޖް ސްޕެކްޓްރަމް އިންޑަސްޓްރީއެއްވީމަ މީގައި މި ހުންނަ މައުލޫމާތާއި، މެކޭނިކްސްތަކާއި، ބޭނުންވަނީ ކީއްވެކަމާއި، މީގައި ހިމެނޭ މާއްދާތަކާއި، ތައްޔާރުކޮށްފައި ހުންނަ ގޮތާއި، ކާއެއްޗިއްސާއި މިއާ ބައްދަލުވާގޮތާއި، ސަޕްލިމެންޓް ބޭނުންވާ މީހަކާއި ސަޕްލިމެންޓް ބޭނުންނުވާ މީހެއްގެ ތަފާތާއި މިހުރިހާ ކަމެއް ދަސްކުރަންޖެހުނު،" މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތާއި ބެހޭގޮތުން މައުރޫފް ބުންޏެވެ.
އަމިއްލަ މައްސަލައެއް - ހައްލު ހޯދައިދިނީ އަހަރެމެން އެންމެނަށް
އެކަމަކު އަދިވެސް އަސްލު މައްސަލައަށް ހައްލެއް ލިބުނު ކަމަކަށް މައުރޫފުގެ އާއިލާ އާއި ޓީމަށް ހިއެއް ނުވި އެވެ. ސަޕްލިމެންޓް ހުއްޓަސް، ކެއުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފަހައްޓަން އުނދަގޫވި އެވެ. އެންމެ ބޮޑުކަމަކީ ކެއްކުމުގެ ބުރަ އެވެ. އަމިއްލަ ދިރިއުޅުމުގެ މި ހާލަތު "މައްސަލައެއްގެ" ގޮތުގައި ދެކި، ހައްލު ހޯދަން މައުރޫފާއި އޭނާގެ ޓީމުން މަސައްކަތް ފެށި އެވެ. އެންމެން ވެސް ބޭނުންވީ ބޭނުންވާ މިންވަރަށް ކާއެއްޗެހި ތައްޔާރުކުރެވި ކާން "ރެޑީ" ގައި ހުންނާނެ ގޮތެކެވެ. އެކި ކަހަލަ ގޮތްގޮތަށް އޭރު ވިސްނައި، އެކި ޚިޔާލުތައް ދިޔައީ ނޯޓްކޮށް ސްކެޗް ކުރަމުންނެވެ. ކްލީން ޕްލޭޓަކީ ވެސް މިގޮތަށް ނޯޓް ކުރެވި ރައްކާކުރެވުނު އެއް ނަމެވެ. ނަމަވެސް އެއްވެސް ކުރެހުމެއްގައި ކުލަ ނުޖެހެނީސް ބިންދާލީ ކޮވިޑް19ގެ ފުރަބަންދެވެ. އެ ދުވަސްތައްވީ އެކި ގޮތްގޮތުން މުޅި ވިޔަފާރިއަށް އައި އުނދަގޫ ދުވަސްކޮޅަކަށެވެ.
"އޭރު ސަޕްލިމެންޓް ވިއްކުމުގެ މިންގަނޑުތަކެއް ވެސް އެމްއެފްޑީއޭ އިން ތައްޔާރުކޮށް އެ މަސައްކަތް ވެސް ކުރިއަށްދިޔަ. އޮތެންޓިކޭޝަން އާއި ލެބް ރިޕޯޓްސްއާ، މި ހުރިހާއެއްޗެއް ހޯދަން ޖެހުނު ސަޕްލިމެންޓް ވިއްކުމުގެ ހުއްދަ ހޯދަން. އެހެންވެ މި ތަނުގެ ހުރިހާ ބްރޭންޑްތަކެއް ވެސް އަޅުގަނޑުމެން ހުންނާނީ އެކުއާ ކޮށްފައި. ގިނަ ޚަރަދުތަކެއް ވެސް ހިނގިކަމެއް އެއީ. އެކަމަކު، ކަންދިމާކުރިގޮތުން ހުރިހާ ރެގިއުލޭޓަރީ ސެޓްފިކެޓްތަކެއް ހޯދިފަހުން އަނެއްކާ އެ ގަވާއިދުތައް ލުއި ވެސް ކޮށްފި. އެހެންނަމަވެސް އެ މިންގަނޑުތައް އަދިވެސް އަޅުގަނޑުމެން ދަމަހައްޓަން."
އަނެއްކޮޅުން، ކުޑަކުޑަ ފިހާރައިން ކުރިފަޅައިގޮސް، ތަނަވަސް ޖާގައެއްގައި އައުޓްލެޓެއް ހުޅުވައި ތަނުގެ ކުއްޔަށް ވެސް ބޮޑު ޚަރަދުތަކެއް ދަނީ ކުރަމުންނެވެ. މާލީގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނަސް، ހިތްވަރުކޮށްފައި މާސްކް އަޅައިގެން ވެސް އޭރު ވިޔަފާރި ދެމެހެއްޓުމަށް މަސައްކަތްކުރި އެވެ.
ކޮވިޑްގެ އުނދަގުލުން އަރައިގަނެވުނުއިރު، ކްލީން ޕްލޭޓް ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިއްޖެ އެވެ. އަދި ކުރިން މެދުކެނޑުނު ހިސާބުން އަލުން ފަށައިގަނެވުނެވެ. ލޯގޯ އާއި ވިޝުއަލްސް ތައްޔާރުކުރުމާ އެކު، ރެސިޕީތައް ތައްޔާރުކޮށް، ޓެސްޓް ވެސް ދިޔައީ ކުރަމުންނެވެ. ކިޗަން އިކުއިޕްމަންޓްތައް އެކި ދިމާތަކުން ހޯދައި، އެކި ޓެސްޓް ބެޗުތައް ހަދައި، އެތުލެޓިކާއަށް ގެނެސް ރަހަ ދައްކައި އެ ރަހަތަކާ ބެހޭގޮތުން ބަހުސްކޮށް ރެސިޕީތައް ފައިނަލްކޮށް، ފުރަތަމަ ބެޗް އާންމުންނަށް އަޖުމަ ބަލައިލަން ދޫކޮށްލެވުނީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.
ދުޅަހެޔޮ، މީރު ރަހަ އަދި ކޮންސިސްޓަންސީ
މަދު ކްލައެންޓްސް ކޮޅަކުން ފެށި މިިހާރު މަގްބޫލުވަމުން އަންނަ ނަމަކަށް ވިޔަސް، ކްލީން ޕްލޭޓަށް އެންމެ މުހިންމީ ސިއްޚަތަށް ފައިދާހުރި ގޮތަކަށް، ރަހަމީރު މީލްތަކެއް އާންމުންނާ ހިސާބަށް ގެނެސްދިނުމެވެ. އަދި އެ ރަހަތަކަށް އެއްވެސް ބަދަލެއް ނައިސް އެގޮތުގައި ދެމެހެއްޓުމެވެ. ކޮންމެ މީލެއް ވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ތާޒާކަމާ އެކު ގެނެސްދިނުމުގައި މަސައްކަތްކުރަނީ މައި ސެޓިފައިޑް ޝެފަކާއި އޭނާގެ ޓީމެކެވެ. މިހާތަނަށް ތަފާތު 25 ބާވަތުގެ މީލް ތައްޔާރުކޮށް އާންމުންނާ ހިސާބަށް ގެނެވުނުއިރު ކޮންމެ މީލަކީ ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ޓެސްޓުކޮށް، ޚިޔާލު ހޯދި، "ޕާފެކްޓް" ކުރެވިފައިވާ ރެސިޕީއެކެވެ. ދިވެހިންނާ ގުޅޭހެން، ދިވެހި ރަހަތަކަށް ފެތޭހެން، އަދި މިންހަމަކޮށް މި ކެއުންތައް ފެންނަ ސަބަބަކީ މި އެވެ.
ތަފާތު ތިން ގޮތަކަށް އޯޑަރު ކުރެވޭނެ
ކްލީން ޕްލޭޓް ހާއްސައީ ހަމައެކަނި އެތުލީޓުންނަށާއި ކުޅުންތެރިންނަކަށް ނޫނެވެ. ބިޒީކޮށް އުޅެމުން ކާއެއްޗެހި ތައްޔާރުކުރަން ވަގުތު ހޯދަން އުނދަގޫ މީހުންނާއި، މީރު ކެއުމެއް ރަހަބަލައިލަން ބޭނުންވާ ކޮންމެ މީހަކަށާއި، ވަކި މިންވަރަކަށް ކެއުން ބައްޓަން ކުރަން ބޭނުންވާ މީހަކަށް ވެސް ކްލީން ޕްލޭޓަކީ ބަރަބާރު ޗޮއިސްއެކެވެ. އިންސްޓަންޓް މީލްތަކާއި، އެއް މަހަށް، ނުވަތަ އެއް ހަފްތާއަށް ވާވަރަށް ސެޓް މެނޫއަކާއި އަދި ހަމައެކަނި ޕްރޮޓީންސް ފަދަ، ލައިގެންކާނެ ބާވަތްތައް ބޭނުންވާ މީހުންނަށް ކަމުދާހެން، މީލް ޕްރެޕް ކިޓް ވެސް ކްލީން ޕްލޭޓް އިން އިޚްތިޔާރު ކޮށްލެވޭނެ އެވެ. ކޮންމެ މީލެއްގައި ވެސް އެ ކެއުމެއްގެ ޓޯޓަލް ޕްރޮޓީން، ފެޓް އަދި ކެލަރީ ލޭބަލްގައި ފެންނަން ހުންނާނެ އެވެ.
ހާއްސަކޮށް، ސެޓް މެނޫއަކީ އެކަނި އުޅޭ މީހުންނާއި، ކެއްކުމުގެ ބުރަ އުފުލަން ބޭނުން ނުވާ މީހުންނަށް ހެޔޮ އަގެއްގައި ދުޅަހެޔޮ ކެއުންތަކެއް ލިބޭނެ ގޮތަކެވެ. ދުވާލަކަށް އެއް މީލް، ދެ މީލް ނުވަތަ ތިން މީލް ކަސްޓަމައިޒް އޯޑަރުކުރެވޭނެ އެވެ. އަދި ބޭނުންވަރަކަށް މީލް އިތުރުކުރެވޭއިރު، ގިނަ މީލް ނަގާވަރަކަށް ޖުމްލަ އަގުވެސް ހެޔޮވެ، ސޭވިން ޕްލޭނެއްގެ ދަށުން މީލްތަކަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. ގިނަ އޮފީސްތަކަށް ވެސް ކްލީން ޕްލޭޓް މަގުބޫލީ މެންދުރުގެ މުހިންމު ކެއުން ކޮންމެދުވަހަކު ވެސް މާ ބޮޑު ފިކުރުކުރުމަކާ ނުލައި، ތަފާތު ގޮތަކަށް ހައްޓަށް ލުއިކޮށް، ލިބެން ހުންނާތީ އެވެ.