މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ނާންނަގޮތަށް ކެމްޕެއިންކުރަން އެޗްއާރުސީއެމުން މިއަދު އެދިއްޖެ އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އިންތިހާބުތަކުގައި ތާއިދު ހޯދުމަށް ކެންޑިޑޭޓުން މަސައްކަތް ކުރުމާއި އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއިދުކޮށް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

ނަމަވެސް، ގެއްލުން ދިނުމުގެ ނިޔަތުގައި ވެސް ކެންޑިޑޭޓުން އަދި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި ރިޝްވަތުދިނުމާއި ވޯޓު ގަނެވިއްކުމާއި ވަޒީފާގެ ބިރު ދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުންދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ބުންޏެވެ.

އެހެންވެ، އެޗްއާރުސީއެމުން ވަނީ އެކަންކަމުން ދުރުވުމަށް އެދިފަ އެވެ.

"ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

އެކަންކަމުގެ އިތުރުން ކެމްޕެއިންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ވޯޓަށް ނުފޫޒު ފޯރުވަން ވަޒީފާ ދިނުމާއި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ ނުފޫޒު ފޯރުވާކަމުގެ މައުލޫމާތު ސޯޝަލް މީޑިއާއިން ލިބެމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެޗްއާރުސީއެމުން ވަނީ އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.

މަޖިލިސް ވޯޓަށް ކުޑަތަންވަމުންދާއިރު، އެ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަވެރިކަމާއެކު ކެމްޕެއިންކުރުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދިއުމާއި އެއް ކެންޑިޑޭޓަކު، އަނެއް ކެންޑިޑޭޓަށް އިހުތިރާމްކުރުމާއި ރީތި އަހުލާގާއި ސްކޫލު އިސްކުރުމަށް ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

"މަޖިލިސް އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަށް ހެދުމަށްޓަކައި ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުން ވެސް މަސައްކަތްތަކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ވާދަވެރި ރޫހެއްގައި ކެމްޕެއިންކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.