އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ކުރިއަށް ގެންދާ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާއި އެހީއަށް ބޭނުންވާ ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުމުގައި އުޅޭ އައިއޭސީން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އައިއޭސީގެ ޕޯސްޓުގައި ވަނީ އެފަދަ ކަންކަމުގައި ދެއްވައި އެއްބާރުލުމާއި އިސްނެގުމަށް އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.
އެޗްޑީސީން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.
އެޗްޑީސީން އެއް މިލިއަން ރުފިޔާގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް އައިއޭސީއާ ހަވާލުކޮށްފައިވާއިރު އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ އެ ޖަމިއްޔާ މެދުވެރިކޮށް ފައިސާގެ އެހީވަމުންނެވެ.
އެކަމަކު އެ ޖަމިއްލާ އިން އޮޑިޓް ރިޕޯޓުތައް އާންމުނުކުރާތާ އެތައް އަހަރުތަކެއް ވެފައިވާތީ އެ އެހީ ލިބެންވާ ފަރާތްތަކަށް ލިބޭ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރުމުން އެ ތުހުމަތުތައް އެ ޖަމިއްޔާއަށް ކުރަން ފެށުމުން އޮޑިޓް ރިޕޯޓް އާންމުކުރާނެ ކަމަށް މީގެ ހަ މަސް ދުވަސް ކުރިން ބުނެފައި ވިޔަސް މިހާތަނަށް އަދި އާންމެއް ނުކުރެ އެވެ.
އޮޑިޓް ރިޕޯޓް އާއްމުނުކޮށް ލަސްވާ ސަބަބާ މެދު މީޑިއާ އިން ސުވާލުކުރުމުން ވެސް އެ ޖަމިއްޔާ އިން ތަފްސީލު ހާމައެއް ނުކުރި އެވެ.