އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ސުލްހަ އަށް ކަމަށާއި ހަނގުރާމައިން މައްސަލަތައް ހައްލު ނުވާނެ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިއާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވެއްޖެ އެވެ.
"އެކުވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެންނެވިން އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ސުލްހަ އަކީ އެންމެ މުހިންމު ކަންތަކޭ،" ޕުޓިންއާ އެކު ހުންވައި ހިންދީ ބަހުން ދެއްވި ބަޔާނުގައި މޯދީ ވިދާޅުވި އެވެ.
ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުންދާ ދިގު ހަނގުރާމައާ ގުޅުވައި މޯދީ މި މޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ ކުށެއް ނެތް ކުޑަކުރިން މެރުމާއި އެ ކުދިން މަރުވާ މަންޒަރު ފެނުމުން ހިތަށް ތަދުވާނެ ކަމަށާއި އެއީ އެއްވެސް މީހަކަށް ބަރުދާސްތުކުރެވޭނެ ވޭނެއް ނޫން ކަމަށެވެ.
މޯދީ ވިދާޅުވީ ރަޝިއާ އާއި ޔުކްރެއިންގެ ހަނގުރާމައާ ބެހޭ ގޮތުން ވެސް ޕުޓިންއާ އެކު މަޝްވަރާކުރެއްވި ކަމަށެވެ.
"އެކުވެރިއެއްގެ ގޮތުން އެކުގައި ތިބެ ވަރަށް ގިނަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކިން،" މޯދީ ވިދާޅުވި އެވެ.
"އަދި ޔުކްރެއިންގެ މައްސަލައިގައި ވަރަށް ހާމަކަން ބޮޑުކޮށް ވަރަށް ތަފްސީލްކޮށް ވާހަކަ ދެކެވުނީތީ ވަރަށް އުފާވި."
މޯދީ ރަޝިއާ އަށް ވަޑައިގަތީ ހޯމަ ދުވަހު ރަޝިއާއިން ޔުކްރެއިންނަށް ދިން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ އަދި އެއް ހަމަލާ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ވެސް އަމާޒުވިތާ ގަޑިއިރުތަކެއް ފަހުންނެވެ. މި ހަމަލާއާ އެކު އެކި ގައުމުތަކުން ރަޝިޔާ ކުށްވެރިކޮށް އަންނަނީ ވާހަކަ ދައްކަމުންނެވެ. -- އޭއެފްޕީ