ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ސަސްޕެންޑް ނުކުރާ ކަމަށާއި އޭނާ ހުންނެވީ މަސައްކަތުން އަމިއްލަ އަށް އެކަހެރިވެގެން ކަމަށް ރައީސް އޮފީސް މިއަދު ބުނެފި އެވެ.
ޒިހާން ސަސްޕެންޑްކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އޭނާ ސަސްޕެންޑް ނުކުރާކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
"އިދާރީ ގޮތުން އޭނާ އަށް އިންފޯމްކުރި ކަމަކާ ގުޅިގެން އޭނާ އަމިއްލަ އަށް މަސައްކަތުން އެކަހެރިވެފައި،" ހީނާ ވިދާޅުވި އެވެ.
ނަމަވެސް އޭގެ އިތުރު ތަފުސީލެއް ހީނާ ނުދެއްވަ އެވެ.
ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް ޒިހާން އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޒިހާން އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން އޭނާ ވަނީ ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކި ތުހުމަތުތައް ކުރައްވައިފަ އެވެ.