ރާއްޖޭގެ އެންމެ ބޮޑު ސިނަމާ، އޮލިމްޕަސްގެ ގޯތިތެރޭގައި ހުންނަ ކެފޭގެ ސީލިންގު ރޭގައި ވެއްޓިއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އޮލިމްޕަސް ބަލަހައްޓާ ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަމިއްލަ ބަޔަކަށް ދޫކޮށްގެން އޮލިމްޕަހުގައި ހިންގަމުން އަންނަ އެ ކެފޭގެ ސީލިންގަކީ އެ ފަރާތުން އަމިއްލަ އަށް ހަދައިފައިވާ ސީލިންގެއް ކަމަށެވެ.
"އެއީ އެ މީހުން އަމިއްލަ އަށް އަޅާފައި އިން ސީލިންގެއް، މަތީގައި އިން ޝީޓުގެ ދަށުގައި ފަތިއަޅައިގެން. ވަރަށް ކުރީއްސުރެ އެ ތަނުގައި ކަތުރުފަނީގެ ކަންތައް އުޅޭ ކަމަށް ވަނީ. ކަތުރުފަނީގެ ސަބަބުން، ކަތުރުފަނި ފަތިތައް ބޮއެގެން އޭގެ ޖިޕްސަން ބޯޑުތަކަށް ބަރު ޖެހިގެން ސީލިންގް އެއްކޮށް ވެއްޓުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮލިމްޕަހުގެ އެހެން ސީލިންގަކަށް ނުވަތަ އެހެން އެއްވެސް ތަނަކަށް ވެސް ގެއްލުން ނުލިބޭ ކަމަށެވެ.
ސީލިންގުން ވެއްޓުނު ބައިތައް ނަގައި މިހާރު އެތަން ސާފުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮލިމްޕަހުގައި ހިންގާ މި ކެފޭއަކީ އެ ސިނަމާއަށް ދާ މީހުންނާއި އާންމުންނަށް ވެސް ހުޅުވާލައިފައި ހުންނަ ކެފޭއެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮލިމްޕަހުގެ ސިނަމާ ހޯލާއި ގޯތިތެރެ ވަނީ ވަރަށް ބޮޑަށް މަރާމާތު ކޮށްފަ އެވެ. އޮލިމްޕަސް މަރާމާތުކޮށް، އެ ތަނަށް ޒަމާނީ ވަސީލަތްތައް ހޯދީ އިންޑިއާގެ ސަރުކާރުން ދިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީގަ އެވެ.