ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު): ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 ޖުލައި 2025 - 12:21
ރާއްޖޭގައި ޒަމާނީ ސިނަމާއެއް ހުޅުވުމަށް ބޭރުގެ އިންވެސްޓަރަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް"ގައި ރޭ މީހަކު ވަނީ ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހުރި ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް އަޅަން ސަރުކާރުގެ ވިސްނުން ހުރިތޯ ސުވާލުކޮށްފަ އެވެ.
އަސްވާޑު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހަގީގީ ސިނަމާއެއް ނެތް ކަމަށެވެ. ސިނަމާއެއްގެ ގޮތުގައި އޮލިމްޕަސް މިހާރު ބޭނުންކުރިޔަސް، އެތަނަކީ ތިއޭޓަރެއް ނުވަތަ ތަމްސީލު ކުޅުމަށް ހާއްސަކޮށް އިމާރާތްކޮށްފައި ހުރި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮލިމްޕަސް މިހާރު އާންމުކޮށް ބޭނުންކުރަނީ ދިވެހި ފިލްމު އެޅުވުމަށާއި މިއުޒިކް ޝޯތައް ބޭއްވުމަށާއި ސްކޫލް ކުދިންގެ ކޮންސެޓުތަކަށެވެ.
އެންމެފަހުން ބޭއްވި "އަހާ ފޯރަމް"ގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ޒަމާނީ ސިނަމާއެއް ނެތުމުން އެކަމުގެ ޝަކުވާ ފަންނުވެރިންނާއި ފިލްމު ޕްރޮޑިއުސަރުންނާއި އާންމުންގެ ފަރާތުން ވެސް ލިބޭ ކަމަށާއި އެ މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދޭނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ކޮންމެ ފަހަރަކު އޮލިމްޕަސް މަރާމާތުކޮށްގެން، އެތަނުގެ ގޮނޑިތައް ބަދަލުކޮށްގެން ނުވަތަ އާ ޕްރޮޖެކްޓަރެއް ހަރުކޮށްގެން ވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. އޮލިމްޕަހުގައި ފިލްމު އަޅުވަން ހުރީ އެންމެ ސްކްރީނެއް ކަމަށް ވާތީ، ދިވެހި ފިލްމު ޕްރޮޑިއުސަރުންގެ ޑިމާންޑާ އެއްވަރަށް އޮލިމްޕަސް ދޫކުރަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަންބޮޑުވުމަށް ހައްލެއް ލިބޭނީ ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް ހުޅުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ ކިރިޔަކިރިޔާ ނުގޮވާ ބޮމެއް ގޮތަށް އަޅުގަނޑަށް އެތަން [އޮލިމްޕަސް] ސިފަކުރެވެނީ: އަސްވާޑު
"ހަމަ ކިރިޔަކިރިޔާ ނުގޮވާ ބޮމެއް ގޮތަށް އަޅުގަނޑަށް އެތަން [އޮލިމްޕަސް] ސިފަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
"ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ހެނދުނު ފިލްމު ބަލާކަށް ނުދާނެ. މެންދުރު ފިލްމު ބަލާކަށް ނުދާނެ. ހަވީރު ފިލްމު ބަލާކަށް ނުދާނެ، ވީކެންޑެއް ނޫން ވެއްޖެއްޔާ. ފިލްމު ބަލަން މި ދަނީ ވަރަށް ސްޕެސިފިކް ގަޑިއެއްގައި. އިޝާ ނަމާދުކޮށްލައިގެން ޚަބަރު ބަލާފައި 8:30 ގައި."
މަރާމާތު ކުރުމަށްޓަކައި ތިން އަހަރު ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ކުލަގަދަ ރަސްމިއްޔާތަކާއެކު ޒަމާނީ ފެންވަރުގައި އޮލިމްޕަސް ރަސްމީކޮށް ހުޅުވުމަށް 2023 ވަނަ އަހަރު ބޭއްވި ހަފުލާގައި ފަންނާނުންތަކެއް ޕާފޯމްކުރަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެއް ރޭ ހަތަރު ފިލްމު ވިޔަސް އެޅުވޭ ފެންވަރުގެ ސިނަމާއެއް ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވި ގޮތުގައި، އޮލިމްޕަސް ބަންދުކޮށް، އެތަން ތަޅާލައި އާ ސިނަމާއެއް ހަދަން އުޅެފިނަމަ، ފަންނުވެރިންނަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ އެވެ. އެހެންވެ، ސަރުކާރުގެ ވިސްނުމަކީ އޮލިމްޕަސް މިހާރު ހުރި ގޮތަށް ބަހައްޓާފައި ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް އެޅުމެވެ.
"އެކަން ކުރުމަށް ބޭރުގެ ޕޮޓެންޝިއަލް އިންވެސްޓަރުންނާއި އަޅުގަނޑުމެންނާ ވާހަކަ ދެއްކިއްޖެ. މިއީ އަޅުގަނޑު ތޯތޯއަކަށް، ތިބޭފުޅުން ރުއްސަން ދައްކާ މާ މޮޅު ވާހަކައެއް ނޫން. އަޅުގަނޑުމެންނާއި އެ މީހުންނާ ބައްދަލުވެއްޖެ، އެ ބޭފުޅުން ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
އޮލިމްޕަހުގައި އެޅުވީ 3ޑީ ފިލްމެއް ބަޔަކު ބަލަނީ: އެ ސިނަމާގެ ފެންވަރު މަތި ކުރަން ޖެހޭ.-- ފޮޓޯ: މިހާރު
އަސްވާޑު ވިދާޅުވީ ހުޅުމާލޭގައި ޒަމާނީ ސިނަމާއެއް އެޅުމަށް އެޗްޑީސީއާ ވާހަކަދައްކައިގެން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެންމެ މަދުވެގެން ގާތްގަނޑަކަށް ހަތަރު ސްކްރީނުގެ ސިނަމާއެއް އަޅުގަނޑުމެން ގާއިމްކުރާނަން ހުޅުމާލޭގައި. އޭރުން އެއް ރޭ ހަތަރު ފިލްމު އެޅުވޭނެ: އަސްވާޑު
"އެންމެ މަދުވެގެން ގާތްގަނޑަކަށް ހަތަރު ސްކްރީނުގެ ސިނަމާއެއް އަޅުގަނޑުމެން ގާއިމްކުރާނަން ހުޅުމާލޭގައި. އޭރުން އެއް ރޭ ހަތަރު ފިލްމު އެޅުވޭނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮލިމްޕަހުގެ ސިނަމާ ހޯލާއި ގޯތިތެރެ ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފަ އެވެ. އޮލިމްޕަސް މަރާމާތުކޮށް، އެތަނަށް ޒަމާނީ ވަސީލަތްތައް ހޯދީ އިންޑިއާގެ ސަރުކާރުން ދިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީގަ އެވެ.
ރާއްޖޭގައި މި ވަގުތު ދެ ސިނަމާ ހިންގަ އެވެ. އެއީ ދިވެހި ފިލްމަށް ހާއްސަ އޮލިމްޕަހާއި ބޭރުގެ ފިލްމުތައް އަޅުވާ ޝުވެކް ސިނެމާ އެވެ. ނަމަވެސް، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާއެއް ނެތުމުން ބެލުންތެރިންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީބުދައުލަތްދަވާލިލްމާލްދީފީ
16 July 2025
މިވެސް އުޅޭމީހެއްދޯ. މުއިއްޒު ބޮޑުމުސާރަދީފަ ކީއްކުރަން ބަހަށްޓާ ޔޫޒްލެސް މީހެއްބާއޭ ހިތަށްއަރާ.
ފަހުދު.
16 July 2025
އެއްފިލްމު 4 ފަހަރު އެޅުވީމަ ނިމުނީ
ރާއްޖެތެރެ ސޮރު
16 July 2025
ކިހިނެއް 2 ލޮލުން 4 ފިލްމު އެއްފަހަރާ ބަލަނީ!
ތޭރެމޭރެ
16 July 2025
ތީކޯއްޗެއް؟ 2023 ގަ އެއްރޭ މަތިން 40 ފިލުމު ކުޅެލާ މިނިސްޓަރުކަން ހޯދި ބޭފުޅެއް ތިއީ!
ޑރ ވާންޗޯ
16 July 2025
އޯކޭ އެއްތަނުގަ އިނދެ 4 ފިލްމް ބަލާލެވޭގޮތަށް ހެއްދެވިޔަސް. ހަތަރު ތަނުން ކެކޭ އުނދުންވެސް ހުންނަނީވިއްޔަ!.
ސަސި
15 July 2025
އެއްފަހަރާ 4 ފިލްމު ބަލަންދާނެ މީހުން ފުރަތަމަ އިމްޕޯޓްކުރޭ
ފފދދދރރ
15 July 2025
ޙިކުމަތްތެރި ވިސްނުންފުޅެއް ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް އަހަރަކު މިނއުގެއްދެނީ 4 ފިލްމު ނުވަތަ 8 ފިލްމު ދެން މިނިސްޓަރު ވިދާޅުވިގޮތައް ހުރިހާ ފިލްމެއް އެއްރޭން އަޅުވާފަ ނިންމާލީމަ ނިމުނީތާ
އައްޔު އަލީ
15 July 2025
މި ސްލޮޓަކީ، އަދީބަށް މި ސަރުކާރުން ލިބުނު ޙަލާލު ބައި.
އޮނަރަބަރް އައްފީއް ދޫދީ
15 July 2025
ބަލަގަ އަސްވާޑޫ...... އަހަރެމެން ނޫޅެމޭ ފިލްމު ބަލާ ނާޗަރަންގީ ކުޅޭނެ ތަންތަން ނެތިގެނެއް... ފުރަތަމަ މާލެއަކީ އަމާން ހިތްފަސޭހަ، އިންސާނުންނަށް ހަމަޖެހިލައިގެން އުޅެވޭ ފަދަ މާހައުލަކަށް ހަދަން މަސައްކަތްކޮށްބަލަ.... މަޖުބޫރުވެގެން މި ކޮންކުރީޓު ޖަންގަލީގަ ދިރިއުޅެމުންދާ ރައްޔިތުން ހަނާވަމުންދާއިރު މިމީހުންގެ މިސްރާބު މިހުރީ މުޅިން އެހެން ދިމާލަކަށް....
އުފުން ފޮޅިއްކެ
15 July 2025
ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ހެޔޮ، ތިއީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރަކުން ރައްޔިތަކަށް ކޮށްދޭނެ އެންމެ ރަނގަޅު އެއްކަންތައް. ހާހެއްހާ މީހުނަށް އެއްފަހަރާ ސަޅި ސިނަމާއަކުން ސަޅި ފިލްމެއް ބަލެވުމަކީ ކިހާ ސަޅި ކަމެއް. މީގެ ސަބަބުން ގައުމުން ޑިޕްރެޝަން ނެތިގެންދާނެކަން ހަމަ ޔަގީން