ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 80 އަހަރުގެ މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
މުއުމިނާ ކުރިން ދިރިއުޅުއްވީ ސްރީ ލަންކާގަ އެވެ. ރާއްޖެ އެނބުރި ވަޑައިގަތީ އިބޫގެ ވެރިކަމުގެ ކުރީކޮޅެވެ.
މުއުމިނާ އަކީ އިބޫގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ގެ ވެސް މަންމާފުޅެވެ.
މުއުމިނާގެ 12 ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ގުރުއާން ހިތުދަސް ތިން ހާފިޒުން ވެސް ހިމެނެ އެވެ.