ބައެއް ކޮލެޖުތަކާއި ޔުނިވާސިޓީތަކުން އީ-ލާނިންގެ ހުއްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ ތަންތަނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
އެމްކިއުއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އޮންލައިންކޮށް ކޯސްތައް ހިންގަން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒުތަކަކަށް ދީފައިވާ ހުއްދަ މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ވަނީ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" އަދި "ގައިޑްލައިންސް ފޯ އީ-ލާނިން ގަވާއިދު މެއި 16، 2022 ގައި ގެޒެޓްކޮށްފަ އެވެ.
އެމްކިއުއޭ އިން ބުނީ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން އެ ގަވާއިދާ އެއްގޮތަށް ޕްރޮގްރާމްތައް ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކިޔަވަން ފެށުމުގެ ކުރިން އެ ކޯހަކީ ހުއްދަ ދީފައިވާ ކޯހެއްތޯ ދަރިވަރުން ވެސް ޔަގީންކަން ކުރަން އެ އޮތޯރިޓީން އިލްތިމާސްކުރި އެވެ.
އެމްކިއުއޭ އިން ބުނީ އެކްރެޑިޓްކޮށްފައި ނުވާ ކޯހަކުން ހޯދާ ސަނަދެއް ގަބޫލު ނުކުރާނެ ކަމަށެވެ.
އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ކޯސްތައް އިޝްތިހާރުކޮށް ހިންގާ ނަމަ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެ ތަނަކަށް ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް އޮތީ އަންގައިފަ އެވެ.