މާލޭގެ ރަސްމީ ފާލަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާއިރު، އެ މަސައްކަތް ނިންމުން އަވަސް ކުރެވޭނީ ސާމާނުތައް ރާއްޖެ ގެނެވުމުން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އިއްޒުއްދީން ފާލަމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏަސް މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ފާލަމުގެ މަތީބައި އެއްކޮށް ރޫޅާލާފައިވާ ދުވަސްތަކެއް ވެފައިވާއިރު، މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.
ރަސްމީ ފާލަމުގެ މަރާމާތުތައް އެމްޓީސީސީން ފެށީ މިދިޔަ މޭ މަހުގެ ކުރީކޮޅުގަ އެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަގަކީ 11.7 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެ ފާލަން ހަދަނީ 1950 ގައި އެ ސަރަހައްދު ހުރި ސްޓައިލް އަސްލަކަށް ބަލަިއގެންނެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ ޖުލައި 26، 2015 ގަ އެވެ. އެ ފާލަން ހުޅުވުމަށް ފަހު، ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.